ރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭގެ މައި އޮފީހަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު މާދަމައިން ފެށިގެން ވަގުތީ ގޮތުން ހިދުމަތް ދެމުން ގެންދާނީ އެ ބޭންކްގެ ހުޅުމާލެ ބްރާންޗުން ކަމުގައި އެ ބޭންކުން ހާމަކޮށްފިއެވެ.
އެގޮތުން އެ ބޭންކުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭ ބްރާންޗްގެ ހިދުމަތްތަކަށް އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ސިސްޓަމަށް މި ހާލަތުގައި އިތުރަށް ސަޕޯޓް ދިނުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން އެ ބޭންކުގެ ހުޅުމާލެ ބްރާންޗުން މާދަމައިން ފެށިގެން ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހުޅުމާލެ ބްރާންޗް ހުންނަނީ ހުޅުމާލެ، ރީތިގަސްމަގު، އަމީން އެވެނިއު އޯކް ޔުނިޓު ތިނެއްގައެވެ.
އެ ބްރާންޗުން ހިދުމަތްތައް ދޭން ނިންމާފައިވާއިރު ޗެކުތައް ބަލައިގަތުމާއި ޗެކު ކްލިއަރ ކުރުމާއި ޗެކު ޓްރާންސްފަރ ރިކުއެސްޓްތަކާއި ޓީޓީ/ރެމިޓެންސް ރިކުއެސްޓްތަކަށް ވަގުތީ ލޮކޭޝަނެއް ސެޓް ކުރެވިފައިވާކަށާއި އެ ލޮކޭޝަނަކީ ކުރިން ޗައިނާ ގާޑަން ހުރި އިމާރާތުގެ ކުރިމަތީގައި ހުންނަ އިމާރަތާއި ޖެހިގެން ހުރި އިމާރާތް ކަމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް ރިކުއެސްޓްތައް ބަލައިގަންނާނެ ކަމަށާއި ނަމަވެސް ފޮނުވާ މެއިލް އެޑްރެހަކީ އެކައުންޓްގެ ވެރިފަރާތުގެ މެއިލް އެޑްރެހަށް ވާން ވާނެ ކަމަށެވެ. އަދި ފޯނު ނަމްބަރަކީވެސް އެ ބޭންކުގެ ސިސްޓަމްގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރަކަށް ވާން ވާނެ ކަމަށެވެ.
އިތުރު މައުލޫމާތެއް ބޭނުންފުޅު ނަމަ އެ ބޭންކްގެ، މި ހާލަތަށް ހާއްސަ ނަމްބަރުތައް ކަމުގައިވާ 3350875 އަދި 9959658 އަށް ގުޅައިގެން އިތުރު މައުލޫމާތާއި އެހީތެރިކަން ލިބިލައްވާނެ ކަމަށާއި އީމެއިލް ކުރައްވަން ބޭނުންފުޅުނަމަ [email protected] އަށް އީމެއިލްކުރެއްވޭނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.
ހިދުމަތްތައް ހުޅުމާލޭ ބްރާންޗުން މާދަމައިން ފެށިގެން ދޭން ފަށާއިރު ދަތުރު ހިދުމަތްވެސް މާދަމާގެ ހެނދުނު 08:00 އިން ހަވީރު 06:00 އަށް ކުރިއަށްދާނެ ކަމުގައި އެ ބޭންކުން ބުނެއެވެ. އަދި މި ހާލަތުގައިވެސް މެދު ނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ. އަދި ހާލަތާއި ގުޅިގެން ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަށް މައާފަށް އެދޭކަމުގައިވެސް އެ ބޭންކުން ބުނެއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންތަކެއް ލިބި ބައެއް ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް، އަދި މާދަމާ މާލޭ ބްރާންޗު ހުޅުވޭގޮތް ނުވި ނަމަވެސް އެ ބޭންކްގެ އޭޓީއެމްގެ ހިދުމަތްތައް މިހާރު ވަނީ ރުޖޫއަށް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް