ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހުރި ފިތުރޯނު ގަސްތައް ނެގުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލެ ހިއްކައި އެ ރަށުގެ މަގުތައް ހަދައި ގަސް ހައްދަން ފެށި ދުވަސްވަރު ބޮޑެތި މަގުތަކުގައި އިންދާފައިވަނީ ހުސް ފިތުރޯނު ގަހެވެ. އެޗްޑީސީން ބުނީ ހަމައެކަނި ފިތުރޯނު ގަސް މަގުތަކުގެ ދެ ފަރާތުގައި އިންދީ އެއީ ވަރަށް އަވަހަށް ހެދޭ ބާވަތެއްގެ ގަހަށް ވާތީ ކަމަށެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގަސްތައް ވަނީ ވަރަށް ބިޔަކޮށް ހެދިފައި އެވެ. އަދި އޭގެ މޫތައް ތާޅު އަޅާފައިވާ މަގުތަކުގެ އަޑިން ދަނީ ފެތުރެމުންނެވެ.
އެޗްޑީސީން ބުނީ ނަގަން ނިންމާފައިވަނީ ބޮޑެތި މަގުތަކުގައި ހުރި ބިޔަ ފިތިރޯނު ގަސްތައް ކަމަށެވެ. އެގޮތަށް ނިންމީ ފިތިރޯނު ގަސްތަކުގެ މޫތަކުގެ ސަބަބުން ތާރުގަނޑު ފަޅައިގެން ގޮސް މަގުތައް ހަލާކުވަމުންދާތީ ކަމަށެވެ. އަދި މޫތައް މައްޗަށް އަރާފައި ހުންނާތީ ދުއްވާ އެއްޗިއްސައްވެސް އުނދަގޫވަމުންދާ ކަމަށް ބުނެ އެވެ.
އެޗްޑީސީން ބުނީ އެ ގަސްތައް ނަގާ ތަންތަނުގައި އެހެން ބާވަތްތަކުގެ ހިޔާ ދޭ ގަސް އިންދާނެ ކަމަށެވެ. އަދި ނެގޭ ފިތިރޯނު ގަސްތައް ހުޅުމާލޭގެ އެހެން ސަރަހައްދުތަކުގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަސްތައް ނަގާ ނިމޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭ ފްލެޓު ސަރަހައްދުތަކުގައި އާންމުން އިންދާފައިވާ މޫ ބޮޑަށް ފެތުރޭ ބާވަތްތަކުގެ ގަސްތައްވެސް ނަގާފައި އެވެ. އެކަމާ އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރުމުން ބުނެފައިވަނީ ހުޅުމާލެއަކީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރެވެމުން އަންނަ ތަނަކަށްވާތީ އެފަދަ ގަސްތަކުން މަގުތައް ހަލާކުވަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް