މާދަމާ އާންމު ހިދުމަތްތައް ދޭން ފަށަން ދަނީ މަސައްކަތް ކުރަމުން: އެސްބީއައި

ސްޓޭޓް ބޭންކު އޮފް އިންޑިއާ ހިންގާ އިމާރާތުގައި ރޭ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައި ވީނަމަވެސް މާދަމާ އާންމު ހިދުމަތްތައް ދޭން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ. "ދ...

29 Aug 2020 | 08:14

ސްޓޭޓް ބޭންކު އޮފް އިންޑިއާ ހިންގާ އިމާރާތުގައި ރޭ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައި ވީނަމަވެސް މާދަމާ އާންމު ހިދުމަތްތައް ދޭން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެސްބީއައިގެ އޮފިޝަލަކު ވިދާޅުވީ އެ އިމާރާތުގައި ބޭންކުން ބޭނުންކުރާ ފަސް ފަންގިފިލާއަކަށް އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާއިރު ހިދުމަތަށް ބުރޫ ނާރައި ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަސްޓަމަރުންނަށް ދޭންޖެހޭ އާންމު ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ. އެ ބޭންކުގެ ހިދުމަތްތައް ދިނުން އިތުރު ކުރަމުންދާވަރަކަށް އެ މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެސްބީއައިއިން ބުނީ އަލިފާނުގެ ހާދިސާގައި އިމާރާތަށާއި އޮފީސް ހިންގާ ފަންގިފިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވީނަމަވެސް ބޭންކުގައި ހުރި ފައިސާއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

ރޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ އެސްބީއައި ހިންގާ އިމާރާތާއި ޖެހިގެން ހުރި ކެފޭގައި އެވެ. އެ ކެފޭ ވަނީ އެއްކޮށް އަނދާ ހުލިވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް