ސިޔާސީ ބޭފުޅުންގެ ހަރަކާތްތައް އެޗްޕީއޭގެ ގަވައިދަށް ފެއްތުމުގައި ފުލުހުން ތަފާތު ކުރަނީ!

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްވެގެން ބާއްވަން ހަރަކާތްތައް ބޭއްވުން އޮތީ މަނާކޮށްފައި އެވެ. ހާއްސަކޮށް މާލޭ ސިޓީގައި ވަކި ގަވައިދުތަކަކަށް އަ...

29 Aug 2020 | 04:30

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްވެގެން ބާއްވަން ހަރަކާތްތައް ބޭއްވުން އޮތީ މަނާކޮށްފައި އެވެ.

ހާއްސަކޮށް މާލޭ ސިޓީގައި ވަކި ގަވައިދުތަކަކަށް އަމަލު ކުރަމުންދާއިރު ފަސް މީހުންނަށްވުރެ ގިނައިން އެއް ތަނެއްގައި ނުތިބުމާއި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ގަވައިދައް ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން ވަނީ މާލޭގައި މީގެ ކުރިން ބޭއްވި ބައެއް މުޒާހަރާ ތައް ރޫޅާލައި މާސްނު ނާޅާނަމަ ނަސޭހަތްދީ ޖޫރިމަނާ ކުރަމުންނެވެ.

އެކަމަކު ފުލުހުންގެ ޒިންމާ އަދާކުރުމުގައި ސިޔާސީ ފަރާތްތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަން އިއްޔެ ވަނީ ހާމަވެފައި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ކުރި މުޒާހަރާގައި ކޯލިޝަންގެ ބައެއް ވެރިންނާއި ބައެއް އެކްޓިވިސްޓުން ތިބީ މާސްކު ނާޅަ އެވެ. އަދި ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގައި މީހުން ތިބީ ތޮއްޖެހިގެންނެވެ.

މިކަމާއި ގުޅިގެން ރޭ ފުލުހުން ބުނީ އިއްޔެގެ ސިޔާސީ ހަރަކާތުގައި އިޖްތިމާއީ ގައިދުރުކަން ނުބަހައްޓައި، މާސްކު ނާޅައި އިދިކޮޅު ފަރާތްތަކުން ހަރަކާތްތެރިވިކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނީ އަމިއްލަ އިސްނެގުމަށެވެ. އެކަމަކު މިދިޔަ ހަފްތާގައި ގިނަ ބަޔަކު އެއްވެގެން މާލޭގެ ފަސް ސަރަހައްދެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ހަފްލާތަކެއްގައި މާސްކު ނާޅައި އިޖްތިމާއީ ގައިދުރު ކަން ނުބަހައްޓާ އުޅުނު މައްސަލަ ބަލަންތޯ ސުވާލު ކުރުމުން ފުލުހުން މިހާތަނަށް ޖަވާބު ދީފައެއް ނުވެ އެވެ.

"ދެ ރަދުން" ފޮތް ނެރުއްވުމަށް މިދިޔަ ހަފްތާގައި ނަޝީދު ވަނީ، މާލޭގެ ފަސް ބުކްޝޮޕަކަށް ވަޑައިގެން ފޮތް ގަންނަ މީހުންގެ ފޮތްތަކުގައި ސޮއިކުރައްވައިފަ އެވެ. މޭޒެއް ކައިރީ އިށީނދެވަޑައިގެން ނަޝީދު ފޮތްތަކުގައި ސޮއި ކުރެއްވި އިރު ބައެއް ވަގުތުތަކުގައި އިންނެވީ މާސްކް ނާޅުއްވަ އެވެ.

އެ މަނިކުފާނުގެ އޮޓޯގްރާފް ހޯދުމަށް ދިޔަ ބައެއް މީހުން ވެސް މާސްކު ނާޅާ ތިބިތަން ފޮޓޯތަކުން ފެނެ އެވެ. އޭގެ ތެރެއިން ވެސް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުން މާސްކު ނާޅައި ފޮޓޯ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެ މައްސަލައިގަ ފުލުހުން ހިމޭނުން ތިބޭތީ ނޫސްވެރިންގެ އެތައް ސުވާލެއް ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދަނީ އަމާޒުވަމުންނެވެ.

މި އިވެންޓު އެކަންޏެއް ނޫނެވެ. އިއްޔެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ވެސް އިންނެވީ މާސްކު ނާޅުއްވަ އެވެ. ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެ ކަމަނާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވީއައިޕީ ލައުންޖުގައި ނަޝީދުގެ އަރިހުގައި ތިއްބެވީ މާސްކު ނާޅުއްވަ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގަވައިދުގައި ވާގޮތުން މާލޭގައި އާންމު ތަންތަނުގައި މާސްކު ނާޅާނަމަ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށް ފަހު ދެވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

މި ދެ ތަނުގެ އިތުރުން މާލޭގެ އާންމު ތަންތަނުގައި ނަޝީދު މާސްކު ނާޅުއްވާ އުޅޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ. އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުއްވާ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން ތަކުރާރުވެފައިވާއިރު އެމަނިކުފާނު ޖޫރިމަނާ ކުރެއްވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސިޔާސީ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނަށް ފެއްތުމުގައި ފުލުހުން ތަފާތު ކުރުން ގެންގުޅެމުންދާކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަވެގެން ދާއިރު މިފަހުން ބޭއްވި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅައި އެކަން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވީ އިއްޔެގެ އިދިކޮޅު ހަރާކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް