ސިޔާސީ ހަރަކާތްތައް ބާއްވަން ޖެހޭހީ އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް: އީސީ

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވުންތައް ބާއްވަން ޖެހޭނީ އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ކަމަށް އިލެކްޝ...

29 Jul 2020 | 15:06

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވުންތައް ބާއްވަން ޖެހޭނީ އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރޭ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްފައިވަނިކޮށެވެ. ރޭގެ މުޒާހަރާ ހޫނުވެ އެންމެ ފަހުން މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ޕެޕާ ސްޕްރޭ ޖަހައިގެންނެވެ.

މިކަމާއި ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބުންޏެވެ.

އީސީގެ ބަޔާނުގައި ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަން ސިޔާސީ ޕާޓީތަކަށް ހަނދާން ކޮށްދީފައި އެވެ. އީސީން ބުނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގެ ދެ ވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށި އިރު ކޯވިޑް ފެތުރެމުންދާ މި ދަނޑިވަޅު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މުޒާހަރާ ނުކުރުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް