ފުވައްމުލަކު ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ޚާއްޞަ ޑޮކްޓަރަކާ ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ބޭފުޅަކަށް ހޯދައި ދީފިއެވެ.
މިއީ ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީޚުގައި އެހެން ހޮސްޕިޓަލެއްގެ ޚާއްޞަ ޑޮކްޓަރަކާ އޮންލައިން ކޮންސަލްޓޭޝަން ހެދި ފުރަތަމަ ފަހަރެވެ.
އެ ހޮސްޕިޓަލުން މައުލޫމާތުދެއްވާގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުން މި ޚިދުމަތް ފެށުމުގައި އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ފެށުން އެއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ޚާއްޞަ ފަޚުރެކެވެ.
މި ޚިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ދޭތެރެދޭތެރެއިން ދަތުރު ކުރުމުގެ ބަދަލުގައި ފަރުވާ ހޯއްދަވާ ޑޮކްޓަރާ ފުވައްމުލަކުގައި ތިއްބަވައިގެން ބައްދަލުވެވޭ ގޮތްވުމާއި އެ ފަރާތުން ކުރަންޖެހޭ ޚަރަދު ކުޑަވެ އެތައްގޮތަކުން ލުއިފަސޭކަން ލިބޭނެކަމަށް އެ ހޮސްޕިޓަލުން އުއްމީދުކުރެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން އިތުރަށް ބުނީ މި ޚިދުމަތް ދިނުމުގައި ހުޅުމާލޭ ހޮސްޕިޓަލުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ޝުކުރު އަދާ ކުރާ ކަމަށާއި ކުރިމަގުގައި ރާއްޖެއާއި ބޭރުގެ ބޮޑެތި އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއެކު ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ހޯދައި ދިނުމަށް ހޮސްޕިޓަލުން މަސައްކަތް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް