ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހުރަހެއް ނާޅަން: ކަރެކްޝަންސް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދީ ހިފަހައްޓަމުންދާކަމަށް އިދިކޮޅުން ދައްކަމުންދ...

29 Jul 2020 | 11:18

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދީ ހިފަހައްޓަމުންދާކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގުކޮށްފި އެވެ.

ޔާމީންގެ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ14 ވަނަ ދުވަހު ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާއި ބައްދަލު ކުރަން ވަޑައިގެންނެވުމުން އެކަމަށް ކަރެކްޝަންސްއިން އިންކާރު ކުރި ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ14 ވަނަ ދުވަހު ކަރެކްޝަންސްއިން ޔާމީންގެ ވަކީލުންނަށް ސިޓީއަކުން ބައްދަލު ކުރުމަށް އެދުމަށް އަމަލު ކުރަން ޖެހޭނެ ގޮތުގެ މައުލޫމާތު އަރުވާފައިވާނެ ކަމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ޖަލުތަކުގައި ކުރިޔަށް ގެންދާ އާއިލީ، އަދި ވަކީލުންގެ ބައްދަލުވުންތަކުގައި އަމަލު ކުރަން ޖެހޭ ގޮތަށް ކަރެކްޝަންސްއިން ވަނީ ބަދަލު ގެނެސްފައި އެވެ. ކަރެކްޝަންސް އިން ބުނީ ޔާމީންގެ ވަކީލުންނަށް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލު ނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަށް މައުލޫމާތު ފެތުރުމަކީ އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކަރެކްޝަންސްއިން ބުނީ ކޯޥިޑާއި ގުޅިގެން ގެނެސްފައިވާ ބަދަލަުތަކުގެ ތެރެއިން ބަންދަލުވުންތަކަށް އެދޭ ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް