ރިލީފް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި ހަ މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެކުލަވާލާފައިވާ އިގުތިސާދީ ރިލީފް ޕެކޭޖްގެ ދަށުން ފޯރުކޮށްދޭ ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމް އެ މިނިސްޓްރީން ތަންފީޒުކުރަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާނަމަ، އެ ސްކީމްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނެ އެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ އެ ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި ހަ އިންސައްތަ އިންޓަރެސްޓްގައި، ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުގައި ކަމަށެވެ.
މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ، ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަށް އިތުރު ލުއިކަމެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުން ވެސް ލޯނަށް ޝަރުތު ހަމަވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައިނުވާ ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް