ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ މާލޭގައި ސުލްހަވެރިކަމާއި އެކު ކުރި މުޒާހަރާއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އިދިކޮޅުން ބުނީ ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަމުންދަނިކޮށް އިންޒާރު ދިނުމަކައި ނުލައި ކަމަށެވެ.
ކޯލިޝަނުން ބުނީ ފުލުހުން ގަދަބާރުން މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގެންނަވާ ކަމަށެވެ.
ރޭގެ މުޒާހަރާއިން ފުލުހުން ދެ މީހަކު ހައްޔަރު ކުރި އެވެ.
ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާއިރު، ރޭގެ މުޒާހަރާގައި ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ ކޯލިޝަނުން ބުނެފައިވަނީ ފުލުހުންނާއި ސިފައިންނާ ދެކޮޅަށް ނިކުތުމަކީ އެ ކޯލިޝަނުން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އިދިކޮޅުގެ މުޒާހަރާ ރޭ ވެސް މަޖީދީ މަގުން ފެށީ، ކޮވިޑްގެ މި ހާލަތާ ގުޅިގެން އެއްވުންތައް ނުބާއްވަން އަންގާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް