ސިޔާސީ ޕާޓީތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯލެނބައި، ގާނޫނުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ގޮވާލައްވައިފި އެވެ.
އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯހުން ގޯހުން ދާއިރު، އެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި އިންސާނީ ކަރާމަތާއި ސަލާމަތަށް އިސްކަން ދީގެން ކަމަށެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށް އެންމެން އެކަމުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަކްރަމް މިފަދައިން ވިދާޅުވެފައި މިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އިދިކޮޅު ކޯލިޝަންގެ ރޭގެ މުޒާހަރާގެ ތެރެއިން ބަޔަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ފުލުހުން އާންމުކޮށްފައި ވެއެވެ. އަދި އެ ކަން ކުރި ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.
ކޮވިޑް ފެތެރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީން އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.
މުޒާހަރާ ތަކާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް މަގުމައްޗަށް އެއްވެ އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި ބައެއް މީހުން މާސްކު ވެސް ނާޅައި އެއްވުންތައް ކުރިއަށްގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް