ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއި އެކު ހައްޖުގެ އަޅުކަން ފެށިފައިވާއިރު ކޮންމެ 50 ހައްޖުވެރިއަކަށް މެޑިކަލް އޮފިސަރަކު ހުންނާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.
އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ހައްޖާޖީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިން އިތުރު ކުރީ ކޯވިޑް-19 ގެ ނުރައްކާތެރި ހާލަތާއި ގުޅިގެން ކަމަށެވެ.
އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ 50 މީހަކަށް އައްޔަންކޮށްފައި ހުންނަ މެޑީކަލް އޮފިސަރުގެ ޒިންމާގެ ތެރޭގައި އޭނާ އާއި ހަވާލުކުރެވިފައިވާ މީހުން އަޅުކަމުގައި ބައިބޯތަންތަނުގައި އުޅޭ ވަގުތު އިޖްތިމާއީ ގައިދުރުކަން ބަހައްޓާތޯ ކަށަވަރު ކުރުމާއި އެމީހުންގެ ސިއްހީ ހާލަތު ކަށަވަރު ކުރުމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން އެ ގްރޫޕެއްގައި ހިމެނޭ މީހުންގެ ދަތުރުގައި އެ އޮފިސަރުން ބައިވެރިވެ ސިއްހީ މައްސަލައެއް މީހަކަށް ދިމާވެއްޖެ ނަމަ ވަގުތުން ރިޕޯޓު ކުރާނެ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީ އަރަބިއްޔާގައި ތިބި10،000 މީހުން ބައިވެރިވެ އެވެ. ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުން ސައުދީއަށް މީހުން ހައްޖަށް ފޮނުވުމުގެ ބަދަލުގައި ހަމަޖެއްސި އިންތިޒާމްގެ ދަށުން މިއަހަރު ހައްޖުގެ އަޅުކަމުގައި އެކި ގައުމުތަކުގެ 7،000 މީހުން ބައިވެރިވާއިރު ސައުދީގެ 3،000 މީހުން ބައިވެރިވާނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން ހައްޖުވެރިންނަށް ހަމަޖައްސާފައިވަނީ ކޮންމެ މީހަކަށް ވަކިން ކޮޓަރިއެކެވެ. ހައްޖުގެ އަޅުކަމުގެ ތެރެއިން މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދޭންޖެހިދާނެ ކަމަށް ބަލައި ވަކި ހޮސްޕިޓަލެއް ވަނީ ހަދާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް