މިދިޔަ މަހު ދަންޖެހިގެން މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގ ރާޖްޕުޓު އަމިއްލައަށް މަރުވާން ހިތްވަރުދިން ކަމަށް ބުނެ އޭނާގެ ލޯބިވިރިއާ ރިއާ ޗަތްރަބަތީ އާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ރިއާ އާއި ދެކޮޅަށް މި މައްސަލަ ހުށަހެޅި ސުޝާންތުގެ ބައްޕަ ކޭކޭ ސިންގ އެވެ. ރިއާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ބިިހާރުގެ ޕަޓްނާ ސިޓީގެ ފުލުހުންނަށެވެ.
ސުޝާންތުގެ ބައްޕަ ހުށަހެޅި މައްސަލައިގައި ރިއާ އާއި ދެކޮޅަށް ހަތަރު ތުހުމަތެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ސުޝަންތު އަމިއްލައަށް މަރުވާން ހިތްވަރުދީ މަޖުބޫރު ކުރުވުމާއި ވައްކަމާއި، އޮޅުވާލި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މި މައްސަލަ ތަހުގީގު ކުރާ ޕަޓްނާ ފުލުހުން މުމްބާއީއަށް ގޮސް ސުޝަންތުގެ މަރާއި ގުޅިގެން ކޮށްފައިވާ ތަހުގީގުތަކުގެ މައުލޫމާތު ހޯދަން ހަމަޖެހިފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ސުޝާންތު އަމިއްލައަށް މަރުވި މައްސަލައިގަ ރިއާ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރުންނާއި ގުޅުމެއްވާކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. މުމްބާއީ ފުލުހުންގެ ތަހުގީގަށް މިހާތަނަށް ބަޔާން ދޭން ޖެހުނު މީހުންގެ ތެރޭގައި ރިއާގެ ބޭބެ ޝޮވިކް ޗަކްރަބަތީ ހިމެނެ އެވެ.
ބޮލީވުޑްގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން40 މީހަކު ބަޔާން ދީފައިވާ ކަމަށް މުމްބާއީ ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާނީ، އަދިތްޔާ ޗޯޕްރާ، އަޕޫރްވާ މެހެތާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް