ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހަތަރު މެމްބަރަކު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ކޮމިޝަނުން ވަކި ކުރަަން ނިންމީ ސީއެސްސީގެ ރައީސް އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. މި ބޭފުޅުން މަގާމުން ވަކި ކުރުމުން ސީއެސްސީގެ މެމްބަރު ކަމުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ބާކީ ހުންނަވާނީ ފާތިމަތު އާމިރާ އެކަންޏެވެ،
ކޮމިޝަނުގައި ތިއްބަވާ ހަތަރު މެންބަރުން ވަކި ކުރަން ތާއީދު ކުރެއްވީ ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނެވެ.
އެހެން މެމްބަރުންނެކޭ އެއްގޮތަށް އާމިރާގެ އިތުބާރު ނެތްކަމުގެ ވޯޓު ކޮމިޓީގައި ނަގަން ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެވެ. އެކަމަކު މިއަދު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގަ އާމިރާ ޖަވާބުދާރީވެ ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އާމިރާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އަހުމަދު އަބްދުﷲ ހުށަހެޅުއްވީ ކޮމިޓީއަށް އާމިރާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ވިދާޅުވެ އެވެ.
އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.
ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފަ އެވެ. އާމިރާ އަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމްގެ އާއިލާ ބޭފުޅެކެވެ.
ކޮމިޓީގެ މި ނިންމުމާއި މެދު އެންމެ ފަހު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް