ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
މި މުޒާހަރާ އިންތިޒާމް ކުރަނީ ވޮއިސް އޮފް ޗިންޑްރަންގެ ފަރާތުންނެވެ. މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު4:00 ގައި އެވެ.
މިނިސްޓްރީ ދޮށަށް އެއްވެ އަޑު އުފުލުމަށް ނިންމީ ޖިންސީ އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލާކަމަށް އެ ހަރަކާތުން ބުނެ އެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށާއި އަނިޔާ ލިބޭ ފަރާތްތަކުން ހަނު ނުހުރުމަށް ހިތްވަރު ދިނުމަށެވެ.
ވޮއިސް އޮފް ޗިންޑްރަންގެ ފަރާތުން މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ މަނާކަމެކެވެ. އަދި ފުލުހުން ވަނީ މިދިޔަ ހަފްތާގައި މަޖިލީސް ކައިރީގައި އެއްވި މުޒާހަރާއެއްވެސް މި ދުވަސްވަރު ނުބޭއްވޭނެ ކަމަށް ބުނެ ރޫޅާލާފައި އެވެ.
ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މާބޮޑަށް ހޫނުވީ އެ މައްސަލައިގަ ހައްޔަރު ކުރި ދެމީހުން ބަންދުގައި ބައިތިއްބާނެ ސަބަބެއް ނެތުމުން ފުލުހުން ދޫކޮށްލުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންނަކީ ސަރުކާރުގެ އިސްވެރިންތަކަކާއި އާއިލީ ގުޅުން އޮތް ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް