ސުޕްރީމް ކޯޓުގެ ލަފާ ލިބުމާއި އެކު މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ގާނޫނު އަސާސީ އިސްލާހު ކޮށްގެން ނޫނީ ކައުންސިލްތަކުގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ލަފާ ދިނުމާއި އެކު މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މިހާރު ހިނ...

29 May 2020 | 12:48

ގާނޫނު އަސާސީ އިސްލާހު ކޮށްގެން ނޫނީ ކައުންސިލްތަކުގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ލަފާ ދިނުމާއި އެކު މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ. ކޯވިޑާއި ގުޅިގެން ކަނޑައެޅި ތާރީހަށް އިންތިހާބު ނުބޭއްވުމުން ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އާ އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ބިލެއް ހުށަހަޅާފައި އެވެ.

އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ފާއިތުވި ދެ މަހެއްހާ ދުވަހު ގެންދެވީ މި ދަނޑިވަޅު ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ހުށަހެޅި ބިލް ފާސް ނުކޮށް ފަސް ކުރަމުންނެވެ. އެކަމަކު ވަގުތު ކުޑަތަންވެފައި ވާތީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް ފަށައި ގާނޫނު އަސާސީ އިސްލާހު ކުރަން ފެތޯނާ ވޯޓަށް އެހުމުން އެމްޑީޕީގެ ގިނަ މެންބަރުންވެސް ތާއީދު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.

މިކަމާ ބައެއް މެންބަރުން ދެކޮޅު ހައްދަވާތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ މި މައްސަލައިގަ އަމަލު ކުރާނެ ގޮތުގެ އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުމަށް ހުށަހަޅާފައި އެވެ. އެ ހުށަހެޅުމުން މަޖިލީހުން ފާސްކޮށް ކޯޓަށް ހުށަހެޅުމުން މިއަދު ވަނީ އެ ކޯޓުން މި މައްސަލައިގައި ދެކޭ ގޮތް މަޖިލީހަށް ފޮނުވާފައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަ ހަސަން ޒިޔާއު ވިދާޅުވީ ކޯޓުގެ އިސްތިޝާރީ ލަފާ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ މި ދައުރުގެ41 ވަނަ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ލަފާ ދިން ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް ބުނެފައިވެ އެވެ. ކޯޓުގެ ލަފާގައި ބުނެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަރުންގެ މަގާމު، މާޗް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.

މި ލަފާ އެ ކޯޓުން ނެރެފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް