ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވި ކައުންސިލްތަކުގެ ދައުރު ހަމަވާ މައްސަލައިގަ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފި އެވެ.
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުން މިކަމުގައި އެދުނީ އެމްޑީޕީގެ ބައެއް މެންބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ މި ދަނޑިވަޅު ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ފެނިވަޑައިގެން ވާހަކަފުޅުދައްކަވާފައިވާތީ އެވެ. މި މައްސަލައިގަ ކޯޓުގެ އިސްތިޝާރީ ލަފާ ހޯދަން މަޖިލީހަށް ހުށަހެޅީ އަވަހަށް މައްސަލަ ނިންމުމުގައި ރަނގަޅު ހައްލެން ގެނައުން މުހިންމު ކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ލަފާ ދިން ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް ބުނެފައިވެ އެވެ. ކޯޓުގެ ލަފާގައި ބުނެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.
މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަރުންގެ މަގާމު، މާޗް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.
"ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުގެ ލަފައަކީ ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ އެ ގާނޫނުގެ ހަތަނަ ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށް މެނުވީ، 4 އޭޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ." ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވެ އެވެ.
މި ލަފާ އެ ކޯޓުން ނެރެފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައިވަނީ އާންމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށާއި ކައުންސިލަރުންގެ ދައުރު ދަންމާނަމަ ޖެހޭނީ ގާނޫނު އަސާސީ އިސްލާހު ކުރަން ކަމަށެވެ. އެކަމަކު މަޖިލީހުން މަސައްކަތް ކުރީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ސަންސެޓް ބިލެއް ފަސް ކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ލަފަކަށް ދާން ޖެހޭކަމަށް ރައީސް ނަޝީދު ނިންމެވީ އަމިއްލަފުޅު ޕާޓީގެ މެންބަރުންވެސް ގާނޫނު އަސާސީ އިސްލާހު ކޮށްގެން ނޫނީ ކައުންސިލްތަކުގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ނިންމުމުންނެވެ. އެމްޑީޕީ ތެރެއިން ގާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮޅު ހެއްދެވީ ހަތަރު މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް