ބޭރަށް ދާން ހުއްދައަށް އެދޭއިރު ގޭގެ ކަރަންޓް މީޓަރުގެ ނަމްބަރު ފޮނުވަން ޖެހޭނެ!

ލުއިތަކާއި އެކު މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ލޮކްޑައުންގެ މުއްދަތުގައި ގޭބިސީތަކުން ބޭރަށް ދާން ބޭނުންވާ މީހުން ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދަން އެގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރު ...

28 May 2020 | 21:59

ލުއިތަކާއި އެކު މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ލޮކްޑައުންގެ މުއްދަތުގައި ގޭބިސީތަކުން ބޭރަށް ދާން ބޭނުންވާ މީހުން ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދަން އެގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރު ފޮނުވަން ޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މިރޭ 12:00 އިން ފެށިގެން ކޮންމެ ގޭ ބިސީއަކުން ދުވާލަކު ތިން މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރަށް ނުކުތުމުގެ ހުއްދަ ދޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކުރިންވެސް ދެމުން ދިޔަ ގޮތަށް ކަމަށެވެ.

މިފަހަރުގެ ތަފާތަކީ ހުއްދައަށް އެދޭއިރު ކަރަންޓު މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވަން ޖެހުންކަމަށް ވިދާޅުވި އެވެ. ފައިރޫޝް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ހުއްދައަށް އެދޭ މީހުންނަކީ އެގޭގައި ދިރިއުޅޭ މީހުންކަން ޔަގީން ކުރުމަށް ކަމަށެވެ.

އާ ބަދަލެއްގެގޮތުގައި ހުއްދަ އާއި އެކު ބޭރަށް ނުކުންނަ މީހުންނަށް މުޅި މާލޭގައި އުޅެވޭނެ އެވެ. ކުރިން ހަމަޖެހިފައި އޮންނަ ގޮތުން ހުއްދަ އާއި އެކު ބޭރުގައި އުޅެވޭނީ ކަނޑައެޅިފައިވާ ވަކި ޒޯނެއްގައި އެވެ.

ފައިރޫޝް ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް ހުޅުމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ ނާދެވޭނެ ކަމަށާއި މާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން ހުޅުމާލެއަށް ވެސް ނުދެވޭނެ ކަމަށެވެ. އެކަމަކު ވިލިމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ އާދެވޭނެ ކަމަށެވެ.

ކުރިއެކޭވެސް އެއްގޮތަށް ބޭރުގައި އުޅެވޭ ވަގުތު ކަނޑައެޅޭނީ އޮޓަމެޓިކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ހަމަޖައްސާފައި އޮންނަނީ ގިނަ ބަޔަކު އެއް ގަޑިއެއްގައި ބޭރަށް ދާން ބޭނުންވާތީ އެވެ.

ފައިރޫޝް ވިދާޅުވީ މާލެ ލޮކްޑައުންކޮށް އާންމުން ބޭރަށް ނުކުތުމުގައި އަމަލު ކުރަން ޖެހުނު ގޮތާއި އެކު ގަޑިއަކު 1،000 މީހުން މަގުމަތީގައި ހުއްދަ އާއި އެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އަލަށް ގޭބިސީއަކުން ތިން މީހުން ނުކުތުމުގެ ހުއްދަ ދޭން ފެށުމުން އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށް ފައިރޫޝް ލަފާކުރެއްވި އެވެ. ފައިރޫޝް ވިދާޅުވީ ބޭރަށް ނުކުންނަން މިހާތަނަށް 31،000 މީހަކަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް އިތުރަށް ވިދާޅުވީ މަގުމަތީގައި އާންމުން އުޅޭއިރު އާއި ފިހާރަތަކުގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓާތޯ ފުލުހުން މޮނިޓާ ކުރަމުންދާނެ ކަމަށެވެ. އަދި ފިހާރައަކަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދެއްވެސް އެ ފިހާރައިގެ ބޮޑު ކުޑަމިނަށް ބަލައި ކަނޑައަޅާނެ ކަމަށެވެ.

މާލޭ ސިޓީގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކުރި ނަމަވެސް އާންމު ހުރިހާ ހިދުމަތްތަކަށް ވަނީ ލުއި ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް