ކޯވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ މާލޭ ސިޓީގެ ލޮކްޑައުން އާއި ހިލާފުވެގެން ހައްޔަރު ކުރި ގިނަ މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފަހު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ލޮކްޑައުން އާއި ހިލާފުވެގެން މިހާތަނަށް ހައްޔަރު ކުރީ 328 މީހެކެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން މިހާރު ވަނީ ދޫކޮށްލާފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ދޫކޮށްލި އެންމެންގެ މައްޗަށްހެން މިހާރު ވަނީ ދައުވާ ކޮށްދިނުމަށް އެދި ޕިޖީ އޮފީހަށް މައްސަލަ ހުށަހަޅާފައި އެވެ. އަދި މިހާރު ބަންދުގައި ތިބި މީހުންނަށްވެސް ދައުވާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
ލޮކްޑައުން އާއި ހިލާފުވުމުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށް ފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. ހައްޔަރު ކުރަނީ އޭގެ ފަހުން ގަވައިދާ ހިލާފު ވާނަމަ އެވެ.
މިހާތަނަށް ލޮކްޑައުނާއި ހިލާފުވެގެން 5،812 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން 5،028 މީހުންނަކީ މާލެއިން ޖޫރިމަނާ ކޮށްފައިވާ މީހުންނެވެ.
ފައިރޫޝް ވިދާޅުވީ އެމީހުންގެ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަކީ ރަނގަޅު އަދި ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ފައިރޫޝް ވިދާޅުވީ ޖޫރިމަނާކުރީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައި ކުށް ތަކުރާރުކުރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް