އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ހުރި މީހަކު ފާހާނާގެ ބާތް ޓަބުގައި މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދަުރުވަމުންދާ ވާހަކަ އާއި ފޮޓޯއަކީ ދޮގެއްކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އެ ފޮޓޯގައި ފެންނަނީ ހަމައެކަނި ސޯޓެއް ލައިގެން އޮތް ފިރިހެނަކު ބާތް ޓަބެއްގެ ތެރޭގައި ކުރުގެޅިގެން ފޮޓޯއަށް ފުރަގަސްދީގެން އޮންނަ ތަނެވެ. ޓަބު ފުރެންދެން ފެން އަޅާފައި ހުރެ އެވެ. އަދި ބާތް ޓަބު ކައިރީގައި ރަތްކުލައިގެ އެއްޗެއް އަޅާފައި ހުރި ބިއްލޫރި ތައްޓެއް ހުއްޓެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރީ އަހުމަދު މުއާޒު ނަމަކަށް ކިޔާ މީހެކެވެ. އެޗްޕީއޭ ޓެގް ކޮށް ފޭސްބުކްގައި އޭނާ ބުނެފައިވަނީ ވައިރަސްއަށް ޕޮސިޓިވްވެފައިވާ އޭނާގެ އެކުވެރިޔާ ފާތިފް އީސާ އައިސޮލޭޝަންގައި ހުރި ކޮޓާރީގެ ފާހާނާގެ ބާތް ޓަބުގައި މަރުވެފައި އޮއްވަ ފެނިފައިވާ ކަމަށެވެ.
އޭނާގެ ޕޯސްޓުގައި ވަނީ އެކުވެރިޔާއަށް ހެޔޮ ދުއާ ކޮށްފައި އެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ މަރުވި ކަމަށް ބުނާ އެމިހާ އާއި މިނިސްޓްރީން ގުޅައި ވާހަކަ ދައްކާފައިވާ ކަމަށެވެ. އެ ފޮޓޯއަކީ އޭނާއާ އެއް ކޮޓަރީގައި ހުރި އޭނާގެ ކޮއްކޮ ލައްވައި މަޖަލަކަށް ނަގައި އާލިއާގެ ވައިބަ ގްރޫޕަކަށް ލީ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ އެމީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން މަޖަލަކަށްވެސް މިފަދަ ޕޯސްޓުތައް ހިއްސާ ކުރުމުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާނެ ކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރާ މިފަދަ ޕޯސްޓުތަކަށް ސަމާލުކަން ނުދިނުމަކީ އާންމުން ވަރަށް ބޮޑަށް ކުރަން ޖެހޭ ކަމެކެވެ. އެޗްޕީއޭއިން ދަނީ ކޯޑާއި ގުޅިގެން ޕޮސިޓިވްވާ މީހުންނާއި މަރުވާ މީހުން އަދި ބަލިން ރަނގަޅުވާ މީހުންގެ މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާ ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް