މާލޭގައި މަޖާކޮށް ލަވަކިޔާ، ހީސަމާސާކޮށް ހަދާލަން މަރުކަޒެއް ހެދުމަށް ސަރުކާރަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތާއީދާއި އެކު އެވެ. ގަރާރާއި ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވި އިރު އިދިކޮޅު މެމްބަރުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މި ގަރާރަށް ގެނެސްފައިވާ އިސްލާހުގެ ތެރޭގައި ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާއެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމް ކުރުމަށް މިނިސްޓްރީގައި އެދޭށެވެ.
ހަސަންގެ ގަރާރުގައި ބުނެފައިވަނީ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ހުންނަން ޖެހޭ ކަމަށެވެ. އަދި އެފަދަ ތަނެއް ސަރުކާރުން ގާއިމުކޮށްދިނުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ގަރާރުގައި ބުނެފައިވާގޮތުގައި ޒުވާނުންގެ އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެން ކުރާންޖެހިފައި އޮތް ކަމެއް ކަމަށްބުނެ އެވެ.
ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށް އެ ގަރާރުގައި ވެއެވެ. އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް