ލައިލަތުލްޤަދުރި ވިލޭރޭ! އެތައް ބަޔަކު ނަރަކައިން ސަލާމަތްކުރައްވަވާނެ ރެއެއްކަމަށް ވަނީ އަންގަވާފަ

އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މިގެންދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މިހާރު އަޅުގަނޑުމެން ވޭތިކުރަމުން މިގެންދަނީ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ދުވަސްތަކެވެ. އެގޮތުން ރަމަޟާންމަހު...

29 Apr 2021 | 13:11

އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މިގެންދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މިހާރު އަޅުގަނޑުމެން ވޭތިކުރަމުން މިގެންދަނީ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ދުވަސްތަކެވެ. އެގޮތުން ރަމަޟާންމަހުގެ އެންމެ މާތް ކަން ބޮޑު ފަހު ދިހައެއްގެ ރޭތައް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް ދެން ބާކީ އޮތީ އެންމެ ދެތިން ދުވަހެވެ. ފަހު ދިހައިގެ ރޭތަކުގެ ތެރޭގައި ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ވަރަށް ބަރަކާތްތެރި ރެއެއް ލައްވާފައެވެ. އާދެ.! އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއްކަމުގައިވާ ލައިލަތުލްޤަދްރި ވިލޭރެއެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ މިރޭތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މި މާތްކަން ބޮޑުރޭ ލައްވާފައެވެ.

އެރޭގެ މާތްކަމާއިބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގެ ސޫރަތުލް ދުޚާންގެ ތިނަކުން އަށަކަށް ވަހީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިމަން ﷲ އެޤުރުޢާން ބާއްވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން އިންޛާރުކުރައްވާ ކަލަކުކަމުގައި ތިމަން ﷲ ވޮޑިގެންވަމެވެ. އެރޭ ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ.  ތިމަން ﷲ ގެ ހަޟުރަތުން ފޮނުއްވާ އަމުރެއްގެ ގޮތުގައައެވެ.  ހަމަކަށަވަރުން ރަސޫލު ބޭކަލުން ފޮނުއްވަނީ ތިމަންﷲ އެވެ. އަދި އެރަސޫލުބޭކަލުން ތިމަންﷲ ފޮނުންވަނީ ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޟްރަތުން ހުރި ރަހުމަތެއްގެ ގޮތުގައެވެ. ހަމަކަށަވަރުން އެއިލާހީ އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.  އެއިލާހަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ.  އަދި އެދެމެދުގައިވާހާ ތަކެތިވެސް އުފެއްދެވޭ އެއިލާހެވެ..

ތިޔަބައިމީހުންނަކީ ޔަޤީންކުރާ ބައެއްކަމުގައި ވަނީނަމަ ތިޔަބައިމީހުންނަށް އެކަމުގައި ފާޅުވެގެންވާ ހެކިތަކެއް ވެއެވެ. ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް އެއިލާހު މެނުވީ ނުވެއެވެ. މަރުގެންދަވަނީވެސް އަދި އެއަށްފަހު ތިޔަބައިމީހުންގެ ފުރާނަ އަލުން، ތިޔަބައިމީހުން ދިރުއްވައި އަދި ތިޔަބައިމީހުންގެ ފުރާނަ ގެންދަވަނީވެސް، އަދި މަރުވުމަށްފަހު އަލުން ތިޔަބައިމީހުން ދިރުއްވަނީވެސް ހަމަ އެއިލާހެވެ.  އަދި ތިޔަބައިމީހުންގެ ކާބަފައިގެން ރައްބަކީވެސް އެއިލާހެވެ.

އަދި އެހެން ސޫރަތެއްގައި، ސޫރަތުލް ޤަދްރުގައި ﷲ ވަހީކުރައްވާފައިވަނީ މިފަދައިންނެވެ. ހަމަކަށަވަރުން ތިމަން ﷲ އެގުރުޢާން ބާއްވާލައްވާފައިވަނީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އާދެ ޤަދްރުގެ މާނައަކީ ޝަރަފްވެރި ރެއެކެވެ. އެރެއަކީ އެއީ ޝަރަފްވެރި ރެއެއްގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ސަބަބަކީ އެއީ ޤުރުޢާން ބާއްވާލައްވަން ފެއްޓުނު ރޭކަމަށްވާތީވެ. އެހެންވެގެން އެރޭ އެވަނީ ޝަރަފްވެރި ކޮށްދެއްވާފައެވެ. ލައިލަތުލްޤަދުރިވިލޭރޭއަކީ ކިހާ މަތިވެރި ރެއެއްކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ. ރެއަކީ އެއްހާސްމައްސަރަށް ވުރެން ހެޔޮކަންބޮޑު ރެއެކެވެ.

އެރޭ އަޅުކަންކޮށްފި މީހާގެ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިޚްލާސްތެރިކަމާއެކުގައި އެރޭ ހޯދުމުގެ ނިޔަތުގައި އަޅުކަންކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާ ދެއްވަވާނެކަމަށް ރަސޫލުﷲ ސައްލަﷲ އަލަތްހި ވަސައްލަމް ވަނީ ބަޔާންކުރައްވާފައެވެ.

އެރޭގެ މާތްކަން ބަޔާންކުރައްވަމުން އިތުރަށް މާތްﷲ ވަހީކުރައްވަވާފައިވެއެވެ. އެރޭ މަލާއިކަތް ބޭކަލުންނާއި އަދި ޖިބްރީލް އަލައިހިއްސަލާމް އިސްވެ ހުންނަވައިގެން ބިމަށް ފައިބާވަޑައިގަންނަވާނެއެވެ.  އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ އިޛްނައާއެކުގައި އެބޭކަލުން ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. މަލާއިކަތުންނާއި އަދި ޖިބްރީލް އަލައިހިއްސަލާމްއެވެ. އެމަލާއިކަތް ބޭކަލުން ބިމަށް ފައިބާވަޑައިގަންނަވަނީ ވަރަށްބަރަކާތައިގެންނެވެ. އެމަލާއިކަތް ބޭކަލުން އާދައިގެ ކަމަކައިގެން ބިމަށް ފައިބާވަޑައެއް ނުގަންނަވާނެއެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. ސަބަބަކީ އެމަލާއިކަތް ބޭކަލުންނަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެމި ތިއްބަވާ ބޭކަލުންނެވެ.

ލައިލަތުން ޤަދްރި ވިލޭރޭގެ މާތްކަން ތަފާތު ގޮތްގޮތަށް ﷲސުބްޙާނަހޫ ވަތަޢާލާވަނީ ބަޔާންކޮށްދެއްވާފައެވެ. ފުރަތަމަ ކަމަކީ މީސްތަކުންނަށް ހިދާޔަތް ދެއްވުމަށްޓަކައި މީސްތަކުންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރެއްވުމަށްޓަކައި މަގުދެއްކެވުމުގެ ގޮތުން އެބައިމީހުންގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުޢާން ބާއްވާލަންވަން ފެއްޓިފައިވަނީ ލައިލަތުލްޤަދުރި ވިލޭރޭގައިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިސޫރަތުގައި ބަޔާންކޮށްދެއްވާފައެވެ.

އަދި ލައިލަތުން ޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކުރުމުގެ ގޮތުން އެރެއަކީ ކޮން ރެއެއްކަން އެރޭގެ މަތިވެރިކަމަކީ ކިހާވަރެއްގެ މަތިވެރި ރެއެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް މުޚާތަބް ކުރައްވާ ﷲސުބްޙާނަހޫ ވަތަޢާލާ ވަނީ ސުވާލު ކުރައްވާފައެވެ.

އަދި ލައިލަތުލްޤަދުރި ވިލޭރެއަކީ އެރޭ އެތައް ބަޔަކު ނަރަކައިން މުއްތިކުރައްވައި ސަލާމަތްކުރައްވާނެކަންވެސް ވަނީ ބަޔާންކުރައްވާފައެވެ. އަދި އެރޭގެ މަތިވެރިކަމާއިބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ މިވަނީ ޤިޔާމަތަށް ދާންދެން ކިޔެވޭނެ ސޫރަތެއް ބާއްވާލައްވާފައެވެ.

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ.! މިފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕެވުމަށް މަސައްކަތްކުރައްވާށެވެ. ޓީވީން ދައްކާ ފާޚިޞް އަމަލުތަކުގެ ލަވަތަކާއި މިއުޒިކްފަދަ ޝޯތަށް މިވަގުތަށް އިހަށް ބަހައްޓަވާށެވެ. އަޚުންނޭވެ.! ފަހުދިހައިގެ ރޭތަކަށް ތައްޔާރުވެލައްވާށެވެ. ވެހޭތަނުގައި ފެންނެގުމަށްޓަކައި މިދުވަސްކޮޅުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އަޒުމް ވަރުގަދަ ކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް