ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ގ. މަސްއޮޑިގޭ ޝިފްލާ އިބްރާހިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޝިފްލާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފާސްކުރީ 71 މެމްބަރުންގެ ތާއީދާއި އެކު އެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ބްރޯޑް ކޮމްގެ މެންބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. ޝިފްލާގެ އިތުރުން ދެން ރައީސް ފޮނުއްވީ ފާތިމަތު ސައުސަން އަދި ޑރ. މުހައްމަދު އިބްރާހީމްގެ ނަމެވެ.
މީގެ ކުރިން ދެ ފަހަރު ޝިފްލާ ވަނީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާފަ އެވެ. ކޮންމެ ފަހަރަކުވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭނާއަށް ރުހުން ދޭން ފާސްކުރި ނަމަވެސް ތަޅުމުން ފާސްކުރަނީ ދެ ވަނައަށް އިންނަ ނަމަވެ.
މި މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔުންތައް އަމާޒުވެފަވެ އެވެ.
ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި އޭނާ އަކީ ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހެކެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ސަހާރަތުގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
އެ ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް