ގަރާޖު ސިޓީ އުވާލަން ހުށަހެޅި އިސްލާހު އަނބުރާ ކޮމިޓީއަށް

ކާރާއި ޕިކަޕު ފަދަ އެއްގަމު އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ގަރާޖެއް ހުރުމުގެ ޝަރުތު އުވައިލާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލަ...

29 Apr 2021 | 11:05

ކާރާއި ޕިކަޕު ފަދަ އެއްގަމު އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ގަރާޖެއް ހުރުމުގެ ޝަރުތު އުވައިލާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ ގަރާޖު ސިޓީއެއް ހުށަހެޅުން ލާޒިމު ނުވާ ގޮތަށް ގާނޫނު ބަދަލު ކުރުމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮރަޕްޝަނާއި އުޅަނދު އެތެރެ ކުރުމުގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ވާނެ ކަމަށެވެ.

މި ބިލު ދިރާސާކުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމީ މޮސްޓާ ހުށަހެޅުއްވި ގޮތަށް ގަރާޖު ސިޓީ އުވާލަން ޖެހޭގޮތަށެވެ. އެކަމަކު މިއަދު މަޖިލީހުގެ ތަޅުމުގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން އެ އިސްލާހު ފާސް ވެފައެއް ނުވެ އެވެ.

މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުން ވޯޓު ދެއްވާފައިވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ. އެ ބިލު އޮތްގޮތަށް ފާސް ކުރުމަށް ތާއީދު ކުރެއްވީ އެންމެ މެމްބަރެކެވެ.

މި އިސްްލާހު ހުށަހެޅި ސަބަބެއް ކަމަށް މޮސްޓާ އިތުރަށް ވިދާޅުވެފައިވަނީ ގަރާޖުތަކުން އެފަދަ ލިޔުން ވިއްކުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ފަރާތްތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކަމުގައި ކޮރަޕްޝަނުން އެ ހުއްދަ ދޫކުރާތީ ކަމަށެވެ. އޭގެ ނަތީޖާއަކީ ގަރާޖުތައް ހުރި ކަމަށް ބުނެ ލިޔުން ހުށަހެޅިޔަސް ކާރުތަކާއި ޕިކަޕުތައް މާލޭގެ މަގުތަކުގައި ޕާކް ކުރުން ކަމަށް ބުނެފަ އެވެ.

މި ބިލާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވި މެމްބަރުން ވަނީ ރަޖިސްޓަރީ ކުރުމުގައި ހިންގާ ކޮރަޕްޝަން ހުއްޓުވޭނީ ގަވައިދު ރަނގަޅަށް ތަންފީޒު ކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ގަވައިދު އުވާލައިފި ނަމަ މުޅި މާލެ ވެހިކަލްތަކުން ތޮއްޖެހޭނެ ކަމަށާއި އެއީ މާލެ އަށް އޮތް ހައްލެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް