ވެކްސިނަށް ނުގުޑާ ކޯވިޑް ވޭރިއެންޓެއް ފެތުރިދާނެ ކަމަށް ބަލަން ޖެހޭ: ޑރ. ނަޒްލާ

ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ނުރައްކާތެރި ހާލަތަކަށް ބަދަލުވަމުން ދާއިރު ވެކްސިނަށް ނުގުޑާ ވޭރިއެންޓެއް ފެތުރިދާނެ ކަމަށް ބަލައިގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ހެލ...

29 Apr 2021 | 09:10

ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ނުރައްކާތެރި ހާލަތަކަށް ބަދަލުވަމުން ދާއިރު ވެކްސިނަށް ނުގުޑާ ވޭރިއެންޓެއް ފެތުރިދާނެ ކަމަށް ބަލައިގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްޓިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި ކޯވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމައި އެއްވަރަށް ވެކްސިން ދިނުންވެސް ކުރިޔަށް ދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 12 ހަފްތާ އަށް ފަހު ދެ ވަނަ ޑޯޒު ނުޖަހާ ގިނަ ދުވަސް ކުރާ ނަމަ ކޮންމެވެސް ވަރަކަށް އެއަށް ރައްކާތެރިކަން ލިބޭ ބާރު ދަށްކޮށްލާ ކަމަށެވެ. އެހެން ކަމުން އެ މުއްދަތުގައި އެހެން މީހެއްގެ ފަރާތުން ބަލި އެރުމުގެ ފުރުސަތު ކުޑަކުރުމަށް 12 ހަފްތާ ފަހުން ވެކްސިން ޖެހުމުގެ ފުރުސަތު ލިބިއްޖެ ނަމަ ވީހާ ވެސް އަވަހަށް ދެ ވަނަ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ތަފާތު ވޭރިއެންޓުތައް ފެންނަމުން ދާއިރު ވެކްސިނަށް ނުގުޑާ ވޭރިއެންޓެއް އަތުވެދާނެ ކަމަށް ބަލައިގެން ރައްޔިތުން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށެވެ. އެ އެޗްއީއޯސީންވެސް ރާއްޖެއަށް އެފަދަ ވޭރިއެންޓެއް އާދޭތޯ ނުވަތަ ފެތުރެމުންދޭތޯ ބަލަމުންދާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ރަނގަޅީ، ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ އަތޮޅުތެރޭގެ ރަށްރަށަށް ނުދިއުން ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން އަނެއް ރަށަށް ނުދިއުމަކީ ވެސް މިވަގުތު މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިދިޔަ ހަތަރު ދުވަހު ވަނީ ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް ޖެހިފަ އެވެ. އެގޮތުން އިއްޔެ ވަނީ މިހާތަނަށް ރާއްޖެއިން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮސިޓިވްވި ދުވަހުގެ ގޮތުގައި ވެފަ އެވެ.

އިއްޔެ ރާއްޖެއިން ކޯވިޑަށް 424 މީހުން ޕޮސިޓިވްވެފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް