ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ލިސާ ހޭޑަން ތިން ވަނަ ދަރިފުޅަށް ބަލިވެ އިނދެގެން އުޅޭއިރު އޭނާ އާއި ގުޅޭ ހުރިހާ ހަބަރެއްގައި ހެން ފާހަގަ ކުރާ އެއް ކަމަކީ ބަނޑު ބޮޑުކަން ހާމަކޮށް ސޯޝަލް މީޑިއާގައި އާންމު ކުރާ ފޮޓޯތަކުގައި ލައިފަ ހުންނަ ނިވާކަން ކުޑަ ހެދުންތަކުގެ ވާހަކަ އެވެ.
ގިނައިން ބިކިނީ އާއި ޖީންސް ނުވަތަ ޖަންގިޔާ ލައިގެން ބަނޑުބޮޑުކަން އެނގޭގޮތަށް އާންމު ކުރަމުންދާ ފޮޓޯތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ އެވެ. އެކަމަކު އެކަމަށް އޭނާ މާބޮޑު ފަރުވާލެއް ނުބަހައްޓާކަން އެނގެނީ ފަހުން އާންމުކޮށްފައިވާ ފޮޓޯތަކުގައިވެސް ހަމަ އެހާ ނިވާކަން ކުޑަކޮށް ހުންނާތީ އެވެ.
އެންމެ ފަހުން އިއްޔެ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ތަންކޮޅެއް ނިވާކަން ބޮޑުަ ހެދުމެއް ލައިގެން ހަގު ފިރިހެން ދަރިފުޅު އުރާލައިގެން ހިނގާފައިދާ ފޮޓޯއެއް އާންމު ކޮށްފައި އެވެ. އެ ފޮޓޯ އާއި އެކު ކެޕްޝަންގައި ލިޔެފައިވަނީ ބަނޑުބޮޑުވިފަހުން މީހުން އޭނާ ސިފަ ކުރަނީ ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިކަން އެނގޭ ކަމަށެވެ.
އޭނާ ބުނީ އެއީ ތެދެއް ކަމަށާއި ހަގީގަތުގައި އެކަން ވާގޮތަކީ ހެޔޮވަރު ހެދުމުން ނެތުމުން ހެދުން ނުލައި އުޅެނީ ކަމަށެވެ. އޭނާ ބުނީ ތިން ވަނަ ފަހަރަށް ބަލިވެއިނދެގެން އުޅޭއިރު އަދިވެސް ބަނޑުބޮޑު އިރު ހެދުން އެޅުމުގައި ހަދާނެ ގޮތަކާއި މެދު ވިސްނައި އުނދަގުލާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
ލިސާ ބުނެފައިވަނީ ގޮތުގައި މިއީ އޭނާ ހޯދާނެ އެންމެ ފަހު ދަރިއެވެ. ދެން ބަލިވެ އިނުމުގެ ވިސްނުން ނެތް ކަމަށް ބުނެފައިވެ އެވެ.
ލިސާއަށް މިފަހަރު ލިބެނީ އަންހެން ކުއްޖެކެވެ. ދެން ތިބީ ފިރިހެން ދެ ކުދިންނެވެ. އެއީ ޒެކް ލާލްވާނީ އާއި ލިއޯ ލާލްވާނީ އެވެ.
ލިސާ އާއި ފިރިމީހާ ޑީނީ ލާލްވާނީ ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ދެމީހުން ކައިވެނި ކުރީ އެއް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.
ކާމިޔާބު މޮޑެލް ލިސާ ވަނީ 'ކުއީން'، 'އައިޝާ'، 'އޭ ދިލް ހޭ މުޝްކިލް'، ؛ހައުސްފުލް 3' އަދި 'ދަ ޝައުކީންސް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް