މާންދޫ ކްލަސްޓާ އާއި ގުޅިފައިވަނީ ނިމިގެން ދިޔަ ކައުންސިލް އިންތިޚާބާކަމަށް ބުނެ ނޫސްތަކަށް އެއްވެސް ކައުންސިލަރަކު މައުލޫމާތު ދިންކަމެއް އެނިގިފައިނުވާކަމަށް ފޮނަދޫ ކައުންސިލުން ބުނެފިއެވެ.
ދުވަސްއަށް މައުލޫމާތު ދެމުން ފޮނަދޫ ކައުންސިލުން ބުނީ އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާއި ރަސްމީކޮށް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި ކައުންސިލަރަކުވެސް ރަސްމީހައިސިއްޔަތުން އެފަދަ މައުލޫމާތެއް ދިންކަން ވެސް އެނގިފަ ނުވާކަމަށް ބުނެފައިވެއެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުންދޭންވާނީ ރަސްމީކޮށް، އޮންނަ އުސޫލުންކަމަށްދެކޭ ކަމަށްވެސް ފޮނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.
" މާންދޫ ކްލަސްޓާ އާއި ނިމިގެން ދިޔަ ކައުންސިލްއިންތިޚާބާއި ގުޅުވައިގެން ފޮނަދޫ ކައުންސިލަރަކު ދިން މައުލޫމާތުކަމަށް ބުނެ ބައެއް ނޫސްތަކުގައި ފަތުރާފައިވާ ވާހަތަކާއި ގުޅިގެން ބުނަން ޖެހެނީ، އެފަދަ މައުލޫމާތެއް ރަސްމީ ހައިސިޔަތަކުން އެއްވެސް ފަރާތަކަށް ކައުންސިލް މެދުވެރިކޮށް އެއްވެސްމެމްބަރަކުވެސް އަދި އެއްވެސް މުވައްޒަފަކުވެސް ދިންކަން އެނގިފައިއެއް ނެތް. އަދި ކައުންސިލަރެއްގެ ހައިސިއްޔަތުން އެއްވެސް ބަޔަކަށް އެފަދަ މައުލޫމާތެއް ދިންނަމަވެސް އެއީ ރަސްމީ ސިފައެއްގައި ދެވޭ މައުލޫމާތެއް ނޫން. މިފަދަ ނާޒުކު މި ދަނޑިވަޅުގައި މިފަދަ މައުލޫމާތެއް ނޫސްތަކަށް ދީނުމަކީ އެހާ މަސްލަހަތު ހުރިގޮތެއްކަކަމަށް ވެސް ނުދެކެން: ފޮނަދޫ ކައުންސިލުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ފޮނަދޫ ކައުންސިލަށް ނިސްބަތްވާއުންސިލަރަކު ދިން މައުލޫމާތު ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ މާންދޫ ސްލަސްޓާ އާއި ގުޅުން ހުރި މީހަކު ފޮނަދޫން ކޮވިޑަށް ފައްސިވެފައި ވާއިރު އެ މީހާ އަކީ ކައުންސިލް އިންތިޚާބުގައި ވޯޓް ލާން މާލެ ދަތުރު ކޮށްފަ ވާ މީހެއް ކަމަށާއި އޭނާ މާލެއަށް ވޯޓް ލާން އައިސް، އެތައް ބަޔަކާއި ބައްދަލުކޮށް، އެތައް ތަނަކަށް ދިއުމަށްފަހު ވޯޓް ލާފައި ރަށަށް އައީކަމަށް ބުނެފައިވެއެވެ.
އަދި މީގެ އިތުރުން މާލެ ދަތުރުކުރި މީހާގެ ބައްޕަ އަކީ މާންދޫން ފުރަތަމަ ކޮވިޑަށް ފައްސިވި މީހުންނާއިއެކު އެއްޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ މީހެއްކަމަށާއި މާލެ ދަތުރުކުރި މީހާގެ ބައްޕަ ވެސް ވަނީ ކޮވިޑަށް ފައްސިވެފައިކަމަށް ބުނެ ކައުންސިލަރަކު މައުލޫމާތު ދީފައިވާ ކަމަށް ނޫސްތަކުގައި ޚަބަރު ފަތުރާފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ވޯޓުލުމަށް މާލެ ދިޔަ ކަމަށް ބުނާ އެ މީހާގެ އާއިލާ މީހަކަށް ގުޅާލުމުން ދުވަސް ނޫހަށް ކިޔައިދިން ގޮތުގައި އެފަދަ ވާހަކައެއް މިފަދަ ދަނޑިވަޅެއްގައި އާއިލާ ބަދުނާމުވާ ގޮތައް ނޫސްތަކުގައި ޚަބަރު ފެތުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ތެދު މައުލޫމާތެއް ނޫން ކަމަށާއި އެ ބުނާ މީހާ ވޯޓުލުމަށް މާލެ ގޮސްފައިވަނީ މިމަހުގެ ދިހަވަނަ ދުވަހު ކަމަށާއި އަދި ކައުންސިލްގެ ހުއްދައާއި އެކު ރަށަށް އެނބުރި އައީ 10 ވަނަ ދުވަހުގެ ހެނދުނު ކަމަށްވެސް އާއިލާއިން މައުލޫމާތު ދެއެވެ.
" އެ ބުނާ މީހާ ވޯޓުލުމަށް މާލެ ދިޔައީ މިމަހުގެ 10 ވަނަ ދުވަހު، އަދި އެނބުރި ރަށަށް އައީ 11 ވަނަ ދުވަހުގެ ހެނދުނު ފްލައިޓުން. ފޮނަދޫ ކައުންސިލަށް ގުޅާފަ އެތަނުން 48 ގަޑިއިރު ނުވާނަމަ ކަރަންޓީނު ވާންނުޖެހޭނެ ކަމަށް ބުނުމުން އައީ. އަދި އޭނާ ރަށަށް އައިތާ 14 ދުވަސް ވީފަހުން މިކަމެއް ހިނގައިގެން އުޅެނީ. އެހެން ވީމާ މާންދޫގެ ކްލަސްޓާ އާއި އޭނަޔާ އެއްވެސް ގުޅުމެއް ނެތް. އާއިލާ މީހަކު ކިޔައިދިނެވެ.
އިތުރަށް މައުލޫމާތު ދެމުން އެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އެ ކުއްޖާގެ ބައްޕަ އަކީ މާންދޫގައި ވަޒީފާ އަދާކުރާ މީހެއް ކަމަށާއި ބައްޕަގެ ފަރާތުން ކޮވިޑްގެއަލާމާޔްތައް ފެންނަން ފެށި އިރު އެންމެ ކައިރީގައި އެކަމަށް އެހީތެރިވުމަށް އުޅުނީވެސް އެ ބުނާ ކުއްޖާ ކަމަށެވެ. އެހެންކަމުން ފައްސިވީކަމަށް އާއިލާއިން ބުނެފައިވެއެވެ. އެހެން ކަމުން މިފަދަ ދޮގު މައުލޫމާތެއް ނޫސްތަކުގައި ފެތުރުމުން އެކަމާއި ނިހާޔަތަށް ހިތާމަ ކުރާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް