ކުރުވާހަކަ: ކުރިން ވިސްނާލެވުނުނަމަ

ލިޔުނީ: ޢާޞިމާ ޢަބްދުﷲ އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، މުޅި ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ގޭގެ ބޮޑު ފެންޑާގެ އެއްކަނެއްގައި އިން އަނދުރާދު ގޮނޑިއެއްގައި އިށީނދެ އިނދެ އަހަރެންގެ ފީ...

29 Apr 2021 | 04:57

ލިޔުނީ: ޢާޞިމާ ޢަބްދުﷲ

އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، މުޅި ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ގޭގެ ބޮޑު ފެންޑާގެ އެއްކަނެއްގައި އިން އަނދުރާދު ގޮނޑިއެއްގައި އިށީނދެ އިނދެ އަހަރެންގެ ފީނަމުން ގެންދިޔައީ މާޒީގެ ކަޅު އަނދިރި ދުވަސްތަކުން އަހަރެންނަށް މި ހާލު ޖެހުނުގޮތާމެދުއެވެ.  އޭރު ގޭގެ  ބޮޑުފެންޑާގެ މެދުގައި އެލުވާފައި ހުރި އުނދޯލީގައި އުމުރުން ތޭރަ އަހަރުގެ އަންހެން ކޮއްކޮ ވާހަކަ ފޮތެއް ކިޔަންއިނެވެ. އެ މަންޒަރު ބަލަން ނުހަނު ހިނިތުންވެފައި ފުރޮޅުލީ ގޮނޑިއެއްގައި މަންމައިނެވެ. ބޮޑު ފެންޑާގެ މެދުގައި ޖަހާފައިވާ ތޭރިތަކުގެ ތެރެއިން ފެންނަމުންދާ އެ މަންޒަރުތައް ބަލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ނަމަވެސް މިއީ އަހަރެންގެ މުސްތަޤުބަލާއި އާއިލާއަށް ނަޒަރެން ހިންގާނުލެވުމުގެ ހިތި ނަތީޖާއެވެ. އިރު އަރާ އޮއްސޭފަދައިން އެ ދުވަސްތައް މާޒީވެ ދިޔަނަމަވެސް މިއަދު ވީކަމެއްހެން އަހަރެންގެ ހިތުގައި އެކަންތައްތައް ބިންވަޅު ނެގިފައި އެބަހުއްޓެވެ. މި ހިތުގައި އުފެދި އުތުރި އަރަމުންމިދާ ޝުޢޫރުތަކާއެކު އަހަރެންގެ ހަޔާތުގެ އެ ސަފުހާތައް މި ހުދު ކަރުދާސް ގަނޑުގެ މައްޗަށް ބަންޑުން ކޮށްލާނަމެވެ.

އެއީ އަހަރެން ރަށުން މަތީ ސާނަވީ ތައުލީމު ނިންމާލާފައި އިތުރަށް ތައުލީމު ހާސިލް ކުރުމަށްޓަކައި ބައްޕަ އަހަރެން މާލެ ފޮނުވި ދުވަސްވަރެވެ.ބައްޕަ އަހަރެން މާލެ ފޮނުވީ މޮޅު އިންޖިނޭރަކަށްހަދައި ބައްޕަމެން ފަޙުރުވެރިވާނޭފަދަ މީހަކަށް އަހަރެން ހެދުމުގެ ނުހަނު ފޮނި އުންމީދާއެކުއެވެ. ބައްޕަ ލިބޭ ހުސްވަގުތުވެސް  ގުރުބާންކުރީ އަހަންނަށްޓަކައި އަހަރެން ހުންނަ ތަނުގެ ކުއްޔާއި ކިޔެވުމުގެ ހަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި ފައިސާ ހޯދުމަށެވެ. އަހަރެން މާލޭގައި ހުރީ ކިޔަވަންދާ ކުދިން ބަހައްޓާ ގެއެއްގައެވެ.އެގޭގައި އަހަރެންގެ އިތުރުން ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންވެސް އުޅުނެވެ.ކަންދިމާވިގޮތުން އެއީ މުޅިންވެސް އަހަރެންނާއި އެއްފުރާގެ ކުދީންނެވެ.

މާގިނަ ދުވަސްތަކެއް ފާއީތުނުވަނީސް އެގޭގައި ކިޔަވަން އުޅޭ ހުރިހާ އަންހެން ކުދިންނާއި އަހަރެންނާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދެންފެށިއެވެ. ހާއްސަކޮށް އޭގޭގައި ކިޔަވަން ގޮސް ހުރި ނޫރާ ނަމަކަށް ކިޔާ އަންހެން ކުއްޖާއާއިއެވެ. އެފަދަ ހޫރު ޕަރީއެއް ދުވަހަކުސް އަހަރެން ހަޔާތުގައި ނުދެކެމެވެ. ދޮންޖަންބެއް ފަދަ މޫނެކެވެ. ކުރަނގި ދެލޮލުގައިވާ ޖާދޫއިން އެތަކެއް ޒުވާންކުދިންގެ ހިތްތައް ކަތިލާނެއެވެ. މަޑު މަޑުން އަހަރެންގެ ހިތް ނޫރާއަށްޓާކައި ލެނބެންފެށިއެވެ. ނޫރާގެ ހިތުންވެސް އަހަރެންނަށްޓަކައި ޖާގައެއްލިބިފައިވާ ކަމަށް އަހަރެންނަށް ހީކުރެވެން ފެށުނެވެ.އަހަރެންގެ ލޯބި ހުށައެޅިތާ މާގިނަދުވަސްތަކެއް ނުވެ ނޫރާ އެ ހުށައެޅުން ޤަބޫލްކުރި ހިސާބުން އަހަރެންގެ ހަޔާތުގެ ސަފުހާގައި އާ ބާބެއް ހުޅުވިގެން ދިޔައެވެ. އަހަރެން ނޫރާދެކެ ވާ ލޯބިވާ ބަޔާންކޮށްދެމުން އޭނާއަށް އެކަން ޔަގީންކޮށްދެމުންދިޔައީމެވެ. އަހަރެން އުޅުނީ ލޯބީގެ އާލަމެއްގައެވެ. އެ އާލަމުގައި ނޫރާއަކީ އަހަރެންގެ ޕަރީއެވެ. އެކަކު އަނެކެއްގެ ނަފްސަށް ބާރުނުފޯރުވޭވަރަށް މިއަދު މިވަނީ ލޯބީގެ ގުޅުން މައްޗަށްގޮސްފައެވެ. އޭގެ އެންމެ އާރޯކަމާއި ހަރުދަނާކަންމަތީ ފަނޑުވުމެއް ނުވާކަހަލަ ގޮތަކަށެވެ.

ދުވަސްތައް މަސްތަކައް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވަމުންދާ ބީދާއިން ނޫރާއާއި އަހަރެންނާއި ދެމެދުގައިވާ ގުޅުން މަޑުމަޑުން ހީނަރުވާންފެށިއެވެ. ހަމައެކަނި ދެމީހުންގެ ގުޅުމެއް ނޫނެވެ. އަހަރެންނާއި އަހަރެންގެ މައިންބަފައިންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި ހާސިލްކުރަންފެށި މަތީތައުލީމަށްވެސް މިކަމުގެ ހިޔަނި އެޅެންފެށިއެވެ. އަހަރެންނަށް ކުލާސްތަކަށް ބަރާބަރަށް ހާޒިރު ނުވެވޭތާ ކިޔެވުމަށްދޭ ސަމާލުކަންވެސް ކުޑަވިއެވެ. އަހަރެންގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ބައްޕަގެ މިންނަތް މަސައްކަތުން ހޯދައި ފޮނުވާ ފައިސާގެ އަގުވަޒަން ކުރާކަށް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންނަށް އެ ފައިސާ ހޭދަކުރެވުނީ އަހަރެންގެ ހިތުގެ ރާނީ ކަމުގައިވާ ނޫރާގެ ހިތް ރުއްސައިދިނުމަށެވެ. އޭނާ ބޭނުންވާ ކަހަލަ އަގުބޮޑެތި މޮޅު ފޯނާއި، ސެންޓާއި، އަންނައުނު ގަނެދީ، މޮޅެތި ރެސްޓޯރެންޓުތަކަށްގޮސް ކެއުމަށެވެ. ނަމަވެސް އަހަރެންވާ ޤުރުބާނީގެ އަގު، ނޫރާ ވަޒަން ނުކުރާކަމުގެ ބިރު އަހަންނަށް އިހުސާސްކުރެވެންފެށިއެވެ. ނޫރާ ބޭނުންވާ އެއްޗެހި ލިބުމުން އަހަރެންނާއެކު ހިނދުކޮޅަކުވެސް މަޑުނުކޮށްލާ އޭނާ ދަނީއެވެ. ކުޑަމިނުން ދާ ތަނެއްވެސް ނުބުނެއެވެ. އަހަރަމެން އެއްގެއްގައި އުޅުނަސް ގެއިން ބައްދަލުކޮށެއް ނަހަދަމެވެ. އެހެންކަމުން ގިނަފަހަރު އޭނާ އުޅޭތަނެއް ނޭނގެއެވެ. ގޭގައި އުޅޭ ވަޤުތަށްވުރެ ގިނައީ ބޭރުގައި ހޭދަކުރާ ވަޤުތެވެ. އޭނާ ބުނާގޮތުން އަބަދުވެސްއުޅެނީ ކޮލެޖުގައި އެކުވެރިންނާއެކު ގުރޫޕް ސްޓަޑީޒް ހެދުމުގައެވެ. ގުޅިޔަސް ފޯނު ނެގެނީ ވަރަށް މަދު ފަހަރަކުއެވެ. ފޯނު ނެގިއަސް މާގިނަ ވާހަކައެއް ނުދައްކާ އަވަހަށް ބާއްވަނީއެވެ.

ކުރިމަތީގައި ކޮފީތަށްޓެއް ބައިންދައިން ހިޔާލީ ފުންކަނޑެއްގެ ތެރެއިން ގެނބިފައި އިންދައި، ސިއްސައިންދިޔައީ އަހަރެންގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުންނެވެ. އަހަރަން އަވަސް އަވަހަށް ޖީބުން ފޯނު ނެގީމެވެ. އެއީ ކޮލެޖުގެ ފަރާތުން އައި ފޯނެކެވެ. "އައްސަލާމުއަލެއިކުމް. ކޮންބޭފުޅެއްތޯ ހޯއްދަވަނީ؟ " އެކޮޅުން ޖަވާބުދާރީވި ފަރާތުގެ ވާހަކަތަކުން އަހަރެން ރުޅިއައިސް ކަންފަތްމައްޗަށް ފޯނު ކަނޑާލީމެވެ. ކޮލެޖުން ގުޅީ އަހަރެން ފީ ނުދައްކާތީ ކޮލެޖުން ކަނޑާލާނެކަމުގެ އެންމެފަހު އިންޒާރުދިނުމަށެވެ. ނަމަވެސް އަހަރެން މިކަމާއި އެހާ ފަރުވާލެއް ނުބަހައްޓަމަވެ. އަހަރެންނަށް ކިޔެވުމަށްވުރެ މިވަޤުތު ނޫރާ މުހިއްމެވެ. މިއިން އެއްވެސް ކަމެއް އަހަރެންގެ މައިންބަފައިންނަކަށް ނާންގަމެވެ. މިހުރިހާ ކަންކަމެއް އަހަރެންގެ ސިކުނޑީގައި ވައިޖޯޑެއްހެން އެނބުރެމުންދިޔައެވެ. ކޮފީ ޖޯޑުނަގައި ތުންފަތުގައި ޖައްސާލުމާއެކު އަނިއްކާވެސް  ފޯނު ރިންގްވާންފެށިއެވެ. މިފަހަރު އަހަރެން ހީކޮށްގެންހުރީ އެއީ ނޫރާކަމަށެވެ. ފޯނުނަގައި ބަލައިލިއިރު  އަހަރެން ހީކުރިގޮތާ މުޅިން ހިލާފެވެ. އެއީ އަހަރެން ހުންނަގޭގައި ކިޔަވަން އުޅޭ ރާޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. " ހަލޯ...ހަލޯ ... ކިހިނެއްވީ؟" އަހަރެން ވަރަށް އަވަސް އަވަހަށް ސުވާލުކޮށްލީމެވެ. އޭނާދެއްކިވާހަކަތައް އަޑުއަހަން އަހަރެންނަށް ހުރެވުނީ ބަސްހުއްޓި، އަނގަވެސް ހުޅުވާލަން ނޭނގިފައެވެ. އަހަރެންގެ ދެފައި ހީވީ ބިންގަނޑުދަށުން ދެމިގެން ދިޔަހެންނެވެ. އަހަރެން ވަރަށް ހިތްވަރު ކުރީމެވެ. އަހަރެންގެ ބުއްދި އޭނާ ދެއްކި ވާހަކަތައް ޤަބޫލްކުރިނަމަވެސް އަހަރެންގެ ހިތް ސިއްރުން އެކިޔާ އެއްޗެއް، އަހަރެންގެ ޒަމީރު ޤަބޫލުނުކުރިއެވެ. ފަހަކަށް އައިސް ނޫރާގެ ކަންކަން ހުންނަގޮތުން އަހަރެންނަށް ޝައްކު ކުރެވެނީއެވެ. ވަގުތުން އަހަރެން ނޫރާއަށް ގުޅީމެވެ. އަހަރެންނަށް އިވުނު އަޑަކީ ތެދެއްތޯ ޔަޤީންކުރުމުގެ ގޮތުންނެވެ. ނަމަވެސް ނޫރާ މިކަމަކާއި އެއްބަހެއް ނުވިއެވެ. ނޫރާ މިކަމާއި އެއްބަސް ނުވުމުންނާއި މިކަމުގެ ހެކި އަހަރެންނަށް ސާބިތު ނުވާތީ މިކަން މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި ދޫކޮށްލީމެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ އަހަރެންނާއި ނޫރާއާއި ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް އާ އަޒުމަކާއެކުގައެވެ. ކިޔެވުމާއި މައިންބައިންގެ ހިޔާލެއް، ވިސްނުމެއް އަހަރެންގެ ސިކުނޑީގައި ނެތެވެ. އަހަރެންނަށް އެމައިންގެ ހާލު ބަލައިލަން ނުގުޅޭތާގައި އެދެމައިން އަހަރެންނަށް ގުޅުމުންވެސް ފޯނުނަގަމެވެ. އަހަރެންނަށް އަހަރެންގެ މައިންބަފައިންނަށްވުރެ ނޫރާ މުހިއްމުކަމުގައި ދެކިގެންނެވެ. އާނއެކެވެ. އަހަރެންގެ މުޅި ހިތްވަނީ ނޫރާ ޤައިދުކޮށްފައެވެ. މިހިތުން އަހަރެންގެ މައިބަފައިންނަށް ދޭން އޮތް ޖާގަވެސް ނޫރާ ވަނީ ފޭރިގެންފައެވެ. އަހަރެންގެ ހަށިގަނޑުގައި ހިތް އޮތަސް އެއީ ނޫރާގެ މިލްކެކެވެ.

އިރު އޭގެ ވާޖިބު އަދާކުރާރަނީއެވެ. އަހަރެން ބާރުބާރަށް މާވިއްކާ ފިހާރައަކަށް ވަދެ ރަތް ކުލައިގެ ފިނފެންމާބޮނޑިއެއް ގަނެގެން ހިނގައިގަތީ ނޫރާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އޭނާ ކިޔަވާ ކޮލެޖާ ދިމާއަށެވެ. ކޮލެޖުގެ ދޮރުމައްޗަށް ހުއްޓިބަލައިލިއިރު ގޭޓު ވަނީ ލައްޕާފައެވެ. ގޭޓުކައިރީގައި މެދު އުމުރެއްގެ ފިރިހެނެއް އާދައިގެ ގަމީހަކާއި ފަޓުލޫނެއްލައި ބެގީކޮށްގެން ހުއްޓެވެ. އަހަރެން ގޮސް އެބޭބެ ކުރެން އަހާލީމެވެ. " ތިއީ މިތަނުގެ ސެކިއުރިޓީތަ؟ ކީއްވެ ދޮރު ލައްޕާއި މިހިރި؟ ކޮބާ މިތާ ކިޔަވަން އުޅޭ ކުދިން؟  " އަހަރެން ފުންޏަކަށް އަމުނާލި ސުވާލުތަކުގެ ޖަވާބުގައި އޭނާ ޖަވާބުގައި ބުންޏެވެ. " އެއީ މިތަނުގެ ރަސްމީ ގަޑި ނިމުނީމަ! މިހާރު މިތާ އެތެރެއަކު ނޫޅޭނެ އެއްވެސް ބައެއް.." އެވަގުތު އަހަރެންގެ ހިތަށް ކުރެވުނީ ބުންނަންވެސް ނޭނގޭފަދަ އިހުސާސްތަކެކެވެ.

އެކަމަކު މިފަހަރުވެސް އަހަރެންގެ ޒަމީރު މިކަން ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ މިކަން ޔަޤީންކުރުމަށްޓަކައި ނޫރާއަށް ގުޅާށެވެ. އަހަރެން ފޯނުނަގައި އޭނައަށް ގުޅީމެވެ. މިފަހަރު އޭނާގެ އަސްލު ސޫރަ ފާޅުވެގެންދިޔައެވެ. ދެރަވެ މަޢާފަށް އެދުމުގެ ބަދަލުގައި އޭނާ އިސްކުރީ ރުޅިވެރިކަމެވެ. ކުރިއަށް ނެރުނީ އޭނާގެ ނުލަފާކަމާއި، ފޮނިކަމާއި، ބޮޑާކަމެވެ. އަހަރެން އޭނާގެ މަތިން ފޫހިވިކަލައެވެ. އޭނާގެ އަޑުވެސް އަހަން އަހަރެން ބޭނުންނުވިއެވެ.

އެދުވަހު ރާޔާ އަހަރެންގެ ގާތު ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލްކުރެވުނެވެ. ކޮންމެ ދުވަހަކު ނޫރާ ކިޔަވަން ކޮލެޖުގައި ވަޤުތު ހޭދަކުރާކަމަށް ބުނެ ސިއްރިއްޔާތުގައި އަހަރެންނަށް އޮޅުވައިލީއެވެ.އަހަރެން ހިތުގެ އެދުންތަކަށް ފުރަގަސްދީ ބަތްތަށީގެ އެއްފަޅިން ކެއީއެވެ. ކިތަންމެ ސިއްރުން ކަމެއް ކުރިއަސް ކޮންމެވެސް ދުވަހަކުން ފަޅާއަރާނެއޭ މީހުން ބުނާތީ އަހަމަވެ. އެކަމުގެ ތަޖުރިބާވެސް ފުރަތަމަ ފަހަރަށް މިދެކަފި ލޯބީގެ ތެރެއިން އަހަރެންނަށް ކުރެވުނީއެވެ. ވެފައިހުރި ދެރައިންނާއި އައިސްފައިހުރި ރުޅިން އަތުގައި އޮތް މާބޮނޑި އަތުކޮޅަށް ހޫރާލުމަށްފަހު މަޑުމަޑުން ގެއާ ދިމާއަށް ދާން ހިނގައިގަތީމެވެ. އެނބުރި ރަށަށްދިއުމަށްޓަކައެވެ.ނޫރާގެ ނަން އަހަރެންގެ ހިތުތެރެއިން ނެރެލުމަށެވެ. އެންމެ ހިނދުކޮޅަކުވެސް އެފަސްގަނޑުގައި ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ގެއަށް ވަނުމާއެކު ގޭގެ ވެރިމީހާ އަހަރެނަށް ދިއްކޮށްލީ އުރައަކަށްލައި ބަންދުކޮށްފައިވާ ސިޓީއެކެވެ. އަހަރެން ސިޓީ ހުޅުވާލުމަށްފަހު ކިޔާލީމެވެ.އެއީ ކޮލެޖުން ކަނޑާލިކަމުގެ ލިޔުމެކެވެ. އަހަރެންގެ ދެލޮލޮލުން ކަރުނަތައް ނީރާލިއެވެ. ވަގުތު ފާއިތުވުމުން އަހަރެންނަށް އަހަރެންގެ މައިންބަފައިންނާއި މުސްތަޤުބަލަށް ވިސްނާލެވުމުންނެވެ. އަނިއްކާވެސް ގޭގެ ވެރިމީހާ އައިސް މިފަހަރު ދިއްކޮށްލީ ފޯނެވެ. އަހަރެން ކަންފަތުގައި ޖަހާލީމެވެ." ހަލޯ!..ހަލޯ!." އަހަރެންގެ ކަންފަތުގައި ޖެހުނު އަޑުން ރޮއެ ގަނެވުނެވެ. " ދަރިފުޅާ ކީއްވެ ފޯނުނަގަނީ؟ ...ކީއްވެ މަންމަމެންނަށް ނުގުޅަނީ؟" މަންމަ ރޮއެ ގިސްލަމުން ވާހަކަދެއްކިއެވެ. " ދަރިފުޅުގެ ހަބަރެއް ނުވެގެން އެކަމާ ކަންބޮޑުވެގެން ބައްޕަ ވެއްޖެ ތިކޮޅަށް ގޮސް. މިހާރު އުޅެނީ ދަރިފުޅު ތިހުރި ގެއަށް ދިއުމުގެ މަގުމަތީ..." އަހަރެންނަށް އެއަޑު އަހަން ކެތްނުވެގެން ފޯނު ކަނޑާލީމެވެ.

އޭގެ އިރުކޮޅެއްފަހުން އަހަރެންނަށް އިވުނީ ބައްޕަ އަހަރެންގެ ގާތަށް އައުމުގެ މަގުމަތީގައި، ބައްޕަ ދުއްވާފައި އައި ސައިކަލުގައި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކުސިޑެންޓުގައި ބައްޕަ ނިޔާވި ހަބަރެވެ. އަހަރެން މި ހަބަރު އަޑުއެހީ ފުން ހިތާމައާއެކުއެވެ. މި ހަބަރު ދިނުމަށްޓަކައި އަހަރެން މަންމައަށް ގުޅުމުން ފޯނެއް ނުނަގައެވެ. މަންމަގެ ހަބަރެއް ނުވުމުން އަހަރެންގެ ހިތާމަވެރިކަމާއި ކަންބޮޑުވުންވީ އިތުރެވެ.. ބައްޕަގެ ޖަނާޒާގެ ކަންތައްތައް ނިންމުމަށްފަހު އަހަރެން އަވަސްވެގަތީ އެންމެ އަވަހަށް ފުރާ ބޯޓަކުން ރަށަށްދެވޭތޯއެވެ. ދަރުބާރު ނަމަކަށް ކިޔާ ރަށު ބޯޓު މިރޭ ފުރަން ހަމަޖެހިފައި އޮތުމުން، ބައްޕަ ފޮނުވާފައިވާ ފައިސާއިން ޓިކެޓުގެ ކަންތައް ހަމަޖެއްސީމެވެ.

ހަނދުވަރުގެ ރީތި އަލި ދޭރެއެކެވެ. ކައުނުގައި ޖަރީވެފައިވާ ތަރިތައްވެސް އަހަރެންނަށް މަލާމަތްކުރާފަދައެވެ. އެގާރަ ޖެހުމާއެކު ބޯޓު މަންޒިލަށް ދިއުމަށްޓަކައި ނައްޓާލިއެވެ. ލިބިފައިވާ ފުން ހިތާމައިގެ ސަބަބުންނާއި ވަރުބަލިވެފައިވާ ވަރުން އަހަރެންނަށް ދަތުރުމަތީ ނިދުނެވެ. ބާރަގަޑިއިރުގެ ދަތުރަކަށްފަހު ބޯޓު މަންޒިލާހަމައަށް ވާސިލްވިއެވެ. އަވަސް އަވަހަށް ފޮށި ތަންމަތި ހިފައިން އަހަރެން ދުއްވައިގަތީ ގެއާ ދިމާއަށެވެ. މަންމަގެ ހާލަކީ ކޮބައިކަމެއްވެސް ނޭނގޭތީ އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

ގެއަށްގޮސް ވަދެވުމާއެކު އަހަރެންނަށް ފެނުނު މަންޒަރުން ހީވީ އަހަރެންނާއި މުޅި ދުނިޔެވެސް ދެކޮޅުހެންނެވެ. ފުރޮޅުލީގޮނޑިއެއްގައި އިން މަންމައަށް އަހަރެން ފެނުމާއެކު އެދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަންފެށިއެވެ. އަހަރެން ދުވެފައިގޮސް މަންމަގެ ގައިގައި ބައްދައިގަތީމެވެ. މަންމަގެ ގައިގައި ބައްދާލުމާއެކު އަހަރެންގެ ހިތަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާއެއް ލިބުނުހެން ހީވިއެވެ. އަހަރަމެންގެ ދެމައިންގެ ރުއިމުގެ އަޑަށް ކޮއްކޮ ދުވެފައި ކޮޓަރިން ނިކުމެގެން އައެވެ. އަދި އަހަރެންގެ ގައިގައި ބާރަކަށްބައްދާލާފައި ރޯންފެށިއެވެ." ނުރޮއޭ ކޮއްކޯ! ހިތްވަރު ކުރަންވާނެ..މަންމައަށް އަސްލު ކިހިނެއްތަވީ ކޮއްކޯ؟" އަހަރެން ކޮއްކޮގެ ލޮލުން ނިރާލާފައިވާ ކަރުނަތައް ފޮހެލައިދެމުން އެހީމެވެ. "ބައްޕަ ނިޔާވުމުގެ ހަބަރު އިވުމުން މަންމައަށް ލިބުނު ކުއްލި ސޮކަކާއި ގުޅިގެން އޭނީ ވާތްފަޅި ވާވެފައި..އަދި ވާހަކަވެސް ނުދެއްކޭ."

މި އާއިލާގެ އުފާވެރިކަން ގެއްލި ދިޔައީ އަހަރެންނަށް ހެދުނު އުޅެވުނު ގޮތުގެ ސަބަބުންނެވެ. މަންމައާއި ބައްޕަ އަހަރެންގެ މުސްތަޤުބަލަށްޓަކައި ކުރިއުންމީދު އަހަރެންގެ މި ދެއަތުން ކަންފުންކުރީއެވެ. އަހަރެންގެ މުސްތަޤުބަލް މިގޮތަށް ފުނޑު ފުނޑުވެގެން ދިޔަކަމުގައި ވިއަސް އަހަރެންގެ ކޮއްކޮގެ ހަޔާތައް އެހެން ވިޔަކަ ނުދޭނަމެވެ.އަދި މަންމަގެ މިބައްޔަށް ޝިފާއެއް ލިބޭތޯ މަސައްކަތްކޮށް ހެއްދެވިފަރާތަށް ދުއާކުރާނަމެވެ. މި ދުނިޔެކީ ކެހިވަރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއްކަމުގައި ނޫނީ ނުވެއެވެ. މިހާރު އަހަރެންނަށް ވިސްނިއްޖެއެވެ. ކުރިން މިކަންކަން ވިސްނުނުނަމަ ކިހާ ރަނގަޅުހެއްޔެވެ؟

....ނިމުނީ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް