ކޯވިޑް-19: އިންޑެކްސް ކޭސް ބާޒާރުމަތި ކްލަސްޓާގައި ވުން އެކަށީގެންވޭ: ޑރ. އަފްޒަލް

ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުން އަންނައިރު ރާއްޖޭގައި މި ވައިރަސް ފެތުރެން ފެށުމުގެ އިންޑެކްސް ކޭސް ބާޒާރުމަތި ކްލަސްޓާ (ބީޒެމްއެމް-ކްލަސްޓާ)ގައި ވުން އެކަށީގެންވާކަމުގައި ޑރ. އިބްރާހިމް އަފްޒަ...

29 Apr 2020 | 17:57

ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުން އަންނައިރު ރާއްޖޭގައި މި ވައިރަސް ފެތުރެން ފެށުމުގެ އިންޑެކްސް ކޭސް ބާޒާރުމަތި ކްލަސްޓާ (ބީޒެމްއެމް-ކްލަސްޓާ)ގައި ވުން އެކަށީގެންވާކަމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ސަން އޮންލައިންގެ ނޫސްވެރިޔާ މުޒައްޔިން ޑރ. ކުރެން އެއްސެވީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ ދެމީހަކު ހިމެނޭއިރު އެމީހުންނާ ގުޅެނީ ބާޒާރުމަތި ކްލަސްޓާއާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން ރާއްޖެއަށް ކޯވިޑް-19 އައީ އެކަމުންތޯ މުޒައްޔިން ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޕޮޒިބިލިޓީ އެބަ އޮތް ކަމަށެވެ.

ޑރ. ވިދާޅުވީ އޭގެ ތެރޭގައި ވިޔަފާރިވެރިން އަދި ވިޔަފާރިތަކުގެ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުން ހިމެނޭއިރު އޭރު ފެތުރުން މަޑުޖެހިފައި އޮވެ، ވޯކާސް ލެވެލް އާ ހަމައަށް "ކޭސްކޭޑް" ވުމުން ވަރަށް ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް ޑރ. ވިދާޅުވިއެވެ.

"ބާޒާރުމަތީ ކްލަސްޓާގަ އިންޑެކްސް ކޭސް ވުން އެކަށީގެންވޭ" ޑރ. ވިދާޅުވިއެވެ.

ޑރ. މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިހާރު މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 227 އަށް އަރާފައިވާއިރު ބާޒާރުމަތި ކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް