މަޑަވެލި މީހާ މަރުވި މައްސަލައިގަ ތިނަދޫ ހޮސްޕިޓަލަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި

ގއ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މަޑަވެލީީ މީހާއި މެދު ހޮސްޕިޓަލުން އަމަލު ކޮށްފައިވާ ގޮތާއި މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދަނިކޮށް...

29 Apr 2020 | 09:41

ގއ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މަޑަވެލީީ މީހާއި މެދު ހޮސްޕިޓަލުން އަމަލު ކޮށްފައިވާ ގޮތާއި މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދަނިކޮށް އެ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އެމީހާ މަރުވީ ފުއްޕާމޭގެ ބައްޔަކަށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެހެންވެ އެޗްޕީއޭގެ ލަފާގެ މަތިން އެމީހާގެ ސާމްޕަލް ނަގައި ކޯވިޑަށް ޓެސްޓު ކުރަން ވަނީ ނިންމާފައި އެވެ.

އެމީހާ މަރުވުމުގެ އެއް ދުވަސް ކުރިން ސާމްޕަލް ނަގާފައިވެ އެވެ. އެމީހާ މަރުވީ އިއްޔެ ރޭގެ ވަގުތެއްގައި އެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހާ އަކީ ފުއްޕާމޭގެ ބަލި ހުރި މީހެއްކަން އެޗްޕީއޭއަށް އެންގުމުން އޭނާ އާއި މެދު އަމަލު ކުރަން ވާނީ ކޯވިޑް-19 ޖެހިފައިވާ މީހެއް ކަމަށް ބަލައިގެން ކަމަށް އަންގާފައިވާތީ އޭގެ ފަހުން އައިސީޔޫގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ފަރުވާ ދީފައިވާނީ ރައްކާތެރިކަމުގެ ސޫޓް ލައިގެން ކަމަށް ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެމީހާ މަރުވުމުން މައްޔިތާގެ ހަށިގަނޑު އާއިލާ އާއި ހަވާލު ކުރުމަށް ފަހު ޖަމާއަތްތެރިން ހޯދުމުގައި އާއި ވަޅު ކޮނުމުގެ އިންތިޒާމު ތިނަދޫ ކައުންސިލާއި ގުޅިގެން ހަމަޖެއްސުމަށް އެހީތެރިވެދީފައިވާނެ ކަމަށެވެ. އަދި އެމީހާ ހިނަވާގެއަށް ގެންދިއުމުގެ ކުރިން ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެންގޮސް ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުން ލާނެ ގޮތާއި ހިނެވުމުގައި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަންވީ ގޮތް ތަމްރީން ލިބިފައިވާ ސިއްހީ ދާއިރާގެ މުވައްޒަފުން ކިޔައިދީފައިވާނެ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނުން އަމަލު ކޮށްފައިވާނީ އެޗްޕީއޭއިން ދިން ލަފާ އާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ވަޅުލީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކޮށްފައި ކަމަށެވެ. އެގޮތަށް ނިންމީ ޖަމާއަތްތެރިން ކަމަށާއި އެޗްޕީއޭގެ ލަފާ އާއި އެއްގޮތަށް ހޮސްޕިޓަލުން އަންގާފައިވަނީ ހިނެވުން އެންމެ ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް އެމީހާގެ އާއިލާއިން ދަނީ ތިނަދޫ ކައުންސިލާއި ހޮސްޕިޓަލުން އަމަލު ކުރި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައި އެވެ.

އިސްލާމިކް މިނިސްޓްރީން ކޯވިޑް-19 ޖެހިގެން މަރުވާ މީހުންނާއި މެދު އަމަލުކުރަން އެކުލަވާލާފައިވާ އުސޫލުގައި މެޑިކަލް ޑޮކްޓަރުންގެ ލަފާގެ މަތިން ބުނެފައިވަނީ ކޯވިޑްގައި މަރުވާ މީހުން ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރާނީ ކަމަށެވެ. އެކަމަކު އެމީހާ ވަޅުލި އިރު އެއީ ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމެއް ޔަގީނެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް