ކޯވިޑް-19 އާއި ގުޅިގެން ހޯދަން ޖެހޭ ވެންޓިލޭޓަރުތައް ގަތުމަށް ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ދިވެހި ދެ ކުންފުންޏަކީ ކުރިން ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެ ކުރުމުގައި އިތުރުބާރު އޮތް ކުންފުނިތަކެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްްޖެ އެވެ.
ވެންޓިލޭޓަރު ގެނައުމަށްޓަކައި ފުރަތަމަ އަގު ހޯދީ އެސްޓީއޯގެ އިތުރުން މެޑްޓެކާއި ނާޑް ޕްރައިވެޓް ލިމިޓެޑުންނެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މީގެ ތެރެއިންް މެޑްޓެކާއި ނާޑް ކުންފުންޏާ އެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގަތުމާއި އެތަކެތި ގެންނަ ކުންފުނިތަކާއި ގުޅޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް އަމީން އިއްޔެ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމީ މިއީ ވަރަށް އަވަހަށް ކުރަންޖެހޭ ކަމަކަށް ވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ އެ ކުންފުނިތަކާއި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ އެ ކުންފުނިތަކުން ފޮނުވިި ކޯޓޭޝަނާއި ސްޕެސިފިކޭޝަންސް ރަނގަޅުވުމުން ކަމަށެވެ. އެ ދެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ކޯޓޭޝަނާ ސްޕެސިފިކޭޝަންތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބެލުމަށް ފަހު، އެތަކެއްޗަކީ ރަނގަޅު ތަކެތި ކަމަށް ފެންނާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންް މިދިޔަ މަހުގެ19 ވަނަ ދުވަހު ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ތަކެއްޗަށް އޯޑަރު ދިން އިރު ވެންޓިލޭޓަރުތައް ގެނައުން މިހާ ލަސްވާނެކަން އެ ކުންފުނިތަކުންވެސް ގަބޫލް ކުރިވެފައިނުވާކަމަށް އެ ކުންފުނިތަކުން ބުނި ކަމަށެވެ. ނުގެނެވި ލަސްވަނީ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމާއި ވެންޓިލޭތަރު އުފައްދާ ކުންފުނިތަކުގެ މަސައްކަތް ލޮކްޑައުންއާއި ގުޅިގެން ހުއްޓާލަން ޖެހިފައި އޮތުން ފަދަ ކަންކަމާއި ގުޅިގެން ކަމަށް އެ ކުންފުނިތަކާއި ހަވާލާދީ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ، މެޑްޓެކް މޯލްޑިވްސްއާ ހަވާލުުކުރި ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި އަދި 10 ވެންޓިލޭޓަރު އަންނަ މަހުގެ 15 ގައި ރާއްޖެ ގެންނާނެ ކަމަށެވެ. ބާކީ ވެންޓިލޭޓަރުތައް ގެނެވޭނެ އިރެއް އޭނާ ވިދާޅުވި ގޮތުގައި އަދި ނޭނގެ އެވެ.
ނާޑް ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރު އުފައްދާ ކުންފުނިން އެ އުފެއްދުން ލަސްވުމުން، އެހެން ގޮތެއް ހޯދަން މަަސައްކަތް ކުރަމުން އަންނަ ކަަމަށް އަންގާފައިވާ ކަަމަށް ވެސް އަމީން ވިދާޅުވި އެވެ.
ރާއްޖޭގެ ދެ ކުންފުނީގެ އިތުރުން 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ އެވެ. އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނުވަތަ ބިޑްކުރުމަކާ ނުލަ އެވެ. އަމީންގެ ސިޓީގައިވާ ގޮތުން އެ ކުންފުނިން އަންނަ މަހުގެ އެކެއްގައި 10 ވެންޓިލޭޓަރު ރާއްޖެ ގެންނާނެކަން ވަނީ އަންގައިފަ އެވެ.
އެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯ މެދުވެރި ވެގެންނެވެ.
ދައުލަތުގެ ކުންފުނި އެސްޓީއޯއިން ވެންޓިލޭޓަަރު ގެެންނަން ހެލްތު މިނިސްޓްރީއަށް މާ ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް އަމިއްލަ ކުންފުނިތަކަކާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަގުބޮޑުކޮށް ކަމަށް ބުނެ މަޖިލީހުުގެ ބައެއް މެންބަރުން ވަނީ ކޮރަޕްޝަންގެ ތުހުމަތު ހެލްތް މިނިސްޓަރަށް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް