ކޯވިޑްގަ މަރުވެއްޖެ ނަމަ އާއިލާއަށް މޫނު ދެއްކޭނެ، ހިނެވުމުގެ ބަދަލުގައި ކުރާނީ ތަޔައްމަމް

ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ މޫނު އާއިލާގެ މެންބަރުންނަށް ދެއްކުމުގައި މި ބައްޔާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިއުތިރާޒެއް ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އ...

29 Apr 2020 | 07:03

ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ މޫނު އާއިލާގެ މެންބަރުންނަށް ދެއްކުމުގައި މި ބައްޔާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިއުތިރާޒެއް ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން މާލޭގައި ނަމަ ކުރާނީ ސިފައިންނެވެ. އެކަމަށް ވަކި ސިފައިންތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ތަމްރީން ކޮށްފައި އެވެ. އަދި އަތޮޅު ތެރޭގައި މި ބަލީގައި މީހަކު މަރުވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް އެ މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފައި އެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ މޫނު އާއިލާތަކަށް ތިން ފޫޓު ދުރުގައި ތިބިގެން ބެލުމުގެ ހުއްދަ ޓެގް ޓީމުން ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މި ބަލީގައި މަރުވާ މީހުންނާއި މެދު އަމަލު ކުރާނެ ގޮތަކާއި މެދު ބަހުސްތައް ފެށުނީ އަވައްޓެރި ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ އެންމެން އަންދާލަން ނިންމުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން އެ ގައުމުގެ މުސްލިމުން ހިތް ހަމަ ނުޖެހުން ފާޅު ކުރުމުންވެސް ލަންކާ ސަރުކާރުގެ ނިންމުން ބަދަލު ނުކޮށް ބަލީގައި މަރުވި ތިން މުސްލިމަކު ވަނީ އަންދާލާފައި އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ ބައްޔެއް ޖެހިގެން މަރުވި ނަމަވެސް އިސްލާމް ދީނުގައި އެމީހާ ހިނަވާ ކަފުންކޮށް ޖެހޭނީ ވަޅުލާން ކަމަށެވެ.

ދީނީ އިލްމުވެރިންނާއި މަޝްވަރާ ކުރުމަށް ފަހު މެޑިކަލް ޑޮކްޓަރުންގެ ލަފައާއި އެކު އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި މަރުވާ މީހުން ހިނެވުމުގެ ބަދަލުގައި ކުރާނީ ތަޔައްމަމް ކަމަށެވެ. ސާފު ފޮތިގަނޑެއް އޮޅާލާ މައްޔިތާ ކަފުން ކުރަން ޖެހެ އެވެ.

އާއިލާ މީހުންނަށް ކާކުކަން ކަށަވަރު ކުރުމަށް މައްޔިތާގެ މޫނު ސަހަރާގައި ދެއްކިދާނެ ކަމަށް ބުނެފައިވެ އެވެ. މި ބަލީގައި މަރުވާ މީހުންގެ ކަށު ނަމާދު ކުރާނީ ސަހަރާގައި ކަމަށް ބުނެފައިވެ އެވެ.

ކަށުކަމާ ކެމީގެ ކަންކަމުގެ ހަރަކާތްތެރިވާ އެންމެން ތިބެންވާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށާއި އެކަކަށްވުރެ ގިނަ މީހުން އެއް ވަޅެއްގައި ވަޅު ލެވިދާނެ ކަމަށެވެ. ކޯވިޑްގައި މަރުވާ މީހުންނަށް ހަދާ ސަންދޯކުގެ ހުރިހާ ފަރާތެއްގައި ފިލާ ޖަހަން ވާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް