ދުވަސް ކުރުވާހަކަ މުބާރާތަށް ވާހަކަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ދުވަސް ނޫހުން އިއުލާނުކޮށްފައިވާ، ދުވަސް ކުރުވާހަކަ މުބާރާތް 1442 އަށް ވާހަކަ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ 23:59 އަށް އިތުރުކޮށްފިއެ...

29 Mar 2021 | 16:33

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ދުވަސް ނޫހުން އިއުލާނުކޮށްފައިވާ، ދުވަސް ކުރުވާހަކަ މުބާރާތް 1442 އަށް ވާހަކަ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ 23:59 އަށް އިތުރުކޮށްފިއެވެ.

މުއްދަތު އިތުރުކޮށްފައިމިވަނީ ކިޔުންތެރިންގެ އެދިލެއްވުމުގެ މަތިންނެވެ. އަދި މިހާރު ވާހަކަ ފޮނުވާފައި ހުރި ފަރާތްތައް، އެ ފަރާތްތަކުގެ ވާހަކަ އިތުރަށް ފުރިހަމަ ކުރަން ބޭނުންފުޅުނަމަ އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގައި އެއްވަނައަށް 4،000 ރުފިޔާ، ދެވަނަ އަށް 2،000 ރުފިޔާ، ތިންވަނައަށް 1،500 ރުފިޔާ އަދި ޓޮޕް ތިނަކަށްފަހު ދެން ހޮވާލެވޭ ޓޮޕް ފައިވް ވާހަކައަށް ކޮންމެ ވާހަކައަކަށް 500 ރުފިޔާ ދޭގޮތަށް ދުވަހުން ވަނީ ނިންމާފައެވެ.

މިއީ ދުވަހުން އިންތިޒާމުކޮށްގެން ރަމަޟާން މަހު ބާއްވާ ފުރަތަމަ ކުރުވާހަކަ  ލިޔުމުގެ  މުބާރާތެވެ. މި މުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކޮންމެ މީހަކަށް ވެސް ހުށަހެޅޭނީ އެއް (1) ވާހަކައެވެ.

ދުވަސް ކުރު ވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް ވާހަކަ މެއިލް ކުރައްވަން ވާނެއެވެ.މުބާރާތުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު، ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ އަދި ގުޅޭނެ ނަންބަރު ހުށަހަޅަން ވާނެއެވެ.

މި މުބާރާތް ކުރިއަށް ދާނެ ގޮތަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް އެއް ވާހަކަ ދުވަސް ގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެވޭނެއެވެ. އަދި އެ ޕޯސްޓް ކުރާތާ 24 ގަޑިއިރު ތެރޭގައި އެ ވާހަކަ ޝެއަރ ކޮށް، ރިއެކްޓް ކުރުމަށް ބެލޭނެއެވެ. އެގޮތުން ސޯޝަލް މީޑިޔާ ގެ ހަރަކާތްތެރިކަމަށް 30 އިންސައްތަ އަދި ޖަޖް ކުރުމަށް 70 އިންސައްތަ ދެވޭނެއެވެ.

މުބާރާތަށް ހުށަހެޅޭ ކުރު ވާހަކަތަކުގައި 1000(އެއްހާސް) ލަފުޒާއި  1600(އެއްހާސް  ހަސަތޭކަ)  ލަފުޒާ  ދެމެދުގެ  ދިގުމިނެއްގެވާހަކައަކަށް ވާން ވާނެއެވެ.

މި މުބާރާތުގައި ހުށަހަޅާ ވާހަކަ އަކީ، މީގެ ކުރިން އެއްވެސް ތަނެއްގައި ޝާއިޢު ކޮށްފައި ނުވާ، އަދި އެހެން މުބާރާތަކަށް ހުށަހަޅައިފައިނުވާ ވާހަކައަކަށް ވާންޖެހޭނެއެވެ.

މުބާރާތުގައި ބައިވެރި ކޮށްފައިވާ ވާހަކަ އަކީ ކުރިން އެހެން ތަނެއްގައި ޝާއިޢު ކޮށްފައިވާ ނުވަތަ އެހެން މީހެއް ލިޔެފައިވާ ވާހަކައެއްކަމަށް ސާބިތުވެއްޖެނަމަ، އެ ވާހަކައެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭވެއެވެ.

މުބާރާތުގެ ވާހަކަ ތަކުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ:

އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާފަދަ ވާހަކައަކަށް ނުވުން

އަދަބާ ޚިލާފުވާފަދަވާހަކަ އަކަށް ނުވުން

އެއްވެސް މީހެއްގެ އަބުރާބެހޭ ވާހަކަ އަކަށް ނުވުން

ޒާތީގޮތުން މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނޭ ފަދަ ވާހަކަ އަކަށް ނުވުން

މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާއި ހަމަތަކާ ޚިލާފުވާފަދަ ވާހަކަ އަކަށް ނުވުން

މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނޭ ފަދަ ވާހަކަ އަކަށް ނުވުން

މުބާރާތަށް އިންސާފުކުރުން: މި މުބާރާތަށް އިންސާފުކުރާނީ ދުވަސް އިން ފަނޑިޔާރުންގެ ކޮމެޓީ އަކުންނެވެ.  ފަނޑިޔާރު ކޮމިޓީ ލީޑުކުރައްވާނީ ވާހަކަ ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އަލީ ސުލައިމާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް