ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ މަޝްވަރާ ބައްދަލުވުމެއްގައި ޝާހިދު ބައިވެރިވެވަޑައިގެންފި

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒެޝާން) އިން ވިޔަފާރިއާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާއި ބެހޭގޮތުން ބޭއްވި މަޝްވަރާބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝ...

29 Mar 2021 | 16:22

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒެޝާން) އިން ވިޔަފާރިއާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާއި ބެހޭގޮތުން ބޭއްވި މަޝްވަރާބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަރޗުއަލްކޮށް މިއަދު ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅު ދައްކަވައިފިއެވެ. މިބައްދަލުވުން އިންތިޒާމުކުރީ ޖެނިވާގައި އދ.އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖެއާއި ބާބެޑޯސްގެ ޕާމަނެންޓް މިޝަންތަކުންނެވެ.

މި ޕެނަލްގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތިމާވެއްޓާއި އިގްތިސާދީ ގޮތުންނާއި ކޮވިޑް-19 ގެ ސަބަބުން ދިމާވާ ނާޒުކު ހާލަތްތަކަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވިއެވެ.  އަދި ކޮވިޑް-19 ގެ ސަބަބުން ގްލޯބަލް ސަޕްލައި ޗެއިން މެދުކެނޑުމުން ދިމާވި ދަތިތަކުން އަރަތިގަތުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް ހެދިފައިހުރި ގަވާއިދުތައް ބަދަލުކުރުމާއި، ކޮންމެހެން ބޭނުންވާ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުން، ސަރުކާރުން ދެމެހެއްޓެވިކަމުގައި މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުން ލިބުނު ގައުމުތައް އިގްތިސާދީ ހީނަރުކަމުން، ދެމެހެއްޓެނިގޮތެއްގައި އަރައިގަތުމަށް، ދަރަނި އަދާކުރުމަށް ހާއްސަ މެކޭނިޒަމްއެއް ގާއިމުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްގީގައި ވިޔަފާރިއާއި ތިމާވެށި ހިމާޔަތްކުރުމާއި އޮތް ގުޅުން ވަރުގަދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް ނުވަތަ އަރައިގަތުމަށާއި، އާމްދަނީއާއި ވަޒީފާއަށް ސާފު އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ގާއިމުކުރުމަށް ކުރިއަރަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ގައުމުތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ނެތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://twitter.com/abdulla_shahid/status/1376530490837016579

މީގެ އިތުރުން ތަރައްގީގެ އޮނިގަނޑާއި، ދެމެހެއްޓެނިވި އަދި މޫސުމީ ފުދުންތެރި ތަރައްގީއަށް މަގުފަހިވާގޮތަށް ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ސިޔާސަތުތައް ބަދަކުރުމަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ފިޔަވަހީގައި ލިބޭ މުހިއްމު ފުރުސަތެއްކަމުގައި މިނިސްޓަރ ޝަހިދު ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާ ކާމިޔާބުކޮށް ފުދުންތެރި އިގްތިސާތެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ އައު ޑިރެކްޓަރ ޖެނެރަލް ޑރ. އެންގޯޒި އޮކޮންޖޯ-އިވޭލާ، އދ. ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލ އަމީނާ މުހައްމަދު، އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރގެ އެގްޒެކެޓިވް ޑިރެކްޓަރ ޕަމެލާ ކޯކް-ހެމިލްޓަން ވާހަކަދެއްކެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް