ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ ދޯންޏަކުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި ހަތް ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ ދޯންޏެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލުމާތުދެއްވަމުން ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަ...

29 Mar 2021 | 15:51

ފާއިތުވި ހަތް ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ ދޯންޏެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލުމާތުދެއްވަމުން ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވީ އެ ރަށު "ލޭނާރު" ނަމަކަށް ކިޔާ ދޯނިން ތިން މީހަކު ޕޮޒިޓިވް ވި ކަން މިއަދު އެނގިފައިވާކަމަށާއި އެ ދޯނި ފާއިތުވި ހަތް ދުވަހު ފަސް ރަށަކަށް ދަތުރުކޮށްފައިވާކަމަށެވެ.

"އެ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ އަދި ނ. ވެލިދޫ" ޖައުފަރު އަބްދުﷲ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ދޯނިން ޕޮޒިޓިވް ވި ތިން މީހުންގެ ތެރެއިން ދެ މީހަކު އެ ދެމީހުން ނިސްބަތްވާ ގޭގައި ކަރަންޓީނު ކޮށްފައިވާކަމަށާއި ޕޮޒިޓިވް ވި ތިންވަނަ މީހާ ކަރަންޓީނުވާނެ ތަނެއް ނުލިބުމުން، އެ ރަށުގެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކޮށްފައިވާކަމަށެވެ.

ނައިފަރުގައި އެކްޓިވް ކޭސްތަކުގެ އަދަދު 31 އަށް އަރާފައިވާއިރު މިއަދުވެސް 17 މީހަކު އެ ރަށުން ޕޮޒިޓިވް ވެފައިވެއެވެ. އެންމެ ފުރަތަމަ އެ ރަށުން ކޮވިޑު ކޭހެއް ފެނުނީ މި މަހުގެ 23 ވަނަ ދުވަހުގައެވެ. އެ ދުވަހު ޕޮޒިޓިވްކަން އެނގުނީ ރ. އުނގޫފާރަށް ދަތުރުކޮށްފައި ރަށަށް ދިޔަ މީހެކެވެ. ނައިފަރު މިވަގުތުވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް