ފަސް ރަށެއްގެ ގޮނޑުދޮަށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ފަސް މަޝްރޫޢުއެއް ސަރުކާރުން މިއަދު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.  މި މަޝްރޫޢުތައް ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފ...

29 Mar 2021 | 11:59

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ފަސް މަޝްރޫޢުއެއް ސަރުކާރުން މިއަދު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.  މި މަޝްރޫޢުތައް ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ. އަލްފާޟިލް އާދަމް އާޒިމްއެވެ.

އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދެވެ. މިގޮތުން، މި ފަސް މަޝްރޫޢުގެ ތެރޭގައި ހިމެނެނީ މ.މުލަށް، ވ. ރަކީދޫ ގެ އިތުރުން ރ.ފައިނު އަދި ބ. ތުޅާދޫއާއި ރ.ރަސްމާދޫއެވެ.

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމަކީ 17.66 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 411.90 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ އަކީ 105 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ.

މިއީ 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިވަގުތު ކުރިއަށްދާ މި މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މިއީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ 10.13 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢު ނިންމަން ހަމަޖެހިފައި ވަނީ 150 ދުވަހުގެތެރޭގައެވެ.

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ 11.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދާއިރާތައް ތަމްޞީލް ކުރައްވާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނަވާފައި ވާ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް