މަގުމައްޗަށް ވެއްޓިދާނޭ ގަސްމުށި ފަދަ ތަކެތި ނުބެހެއްޓުމަށް އިލްތިމާސް ކޮށްފި

ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާ...

29 Mar 2021 | 11:26

ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މި ދުވަސްވަރު ގްރޭޓަރ މާލޭ އަށް ވެސް ވައިގަދަވެ ގިނަ އަދަދެއްގެ ގެއްލުން ލިބެމުން ދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ގްރޭޓާރ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން، ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓަރ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓަރ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް، ސިޓީީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

ބާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރަމުން ދާއިރު، ރާއްޖޭގެ ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ. އެގޮތުން މެޓް އޮފީހުން ބުނެފައި ވަނީ، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެންމެ ފަހުން ނެރެފައިވާ 'ސަމާލު' ގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް