ޅ. ހިންނަވަރަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެ ރަށަށް އުދަ އަރަން ފެށީ ހެނދުނު ކަމަށް ވެއެވެ. މި ގޮތުން ރަށުގެ އުތުރާއި ދެކުނުން އުދަ އެރުމުގެ ސަބަބުން މުޅި ރަށު ތެރެއަށް ލޮނުގަނޑު ފެތުރިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އުދައިގެ ސަބަބުން ހިންނަވަރު ބަނދަރުގައި އަޅާފައި ހުރި ލޯންޗުފަހަރާއި ދޯނިފަހަރު ފަދަ އުޅަނދުތަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީގެ އިތުރުން، ރަށުގެ ބައެއް ގޭގެއަށަށާއި ގެތަކުގެ ގޯތިތެރެއަށް ފެން ގަނޑު ވަދެ ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. ރަށު ތެރޭގައި ލޮނުގަނޑު ފެތުރެމުން ދާތީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ. އަދި ރަށުން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ދިޔަ ވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން ގޯސްވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވެ، ކަނޑު ގަދަވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން ދާ ކަމުގެ މައުލޫމާތު އެންއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް