ވައި ބާރުވެ މާލޭ ސަރަހައްދުން ބައެެއް ގަސްގަސް ވެރެނީ

މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން މާލޭ ސަރަހައްދުގެ މަގުތަކުގައި އިންދާފައި ހުރި ބައެއް ގަސްގަސް ވެރިއްޖެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަދަ ވަޔާއެކު އެމްޕްލޯއިމަންޓް ޓްރައިބިއުނަލ...

29 Mar 2021 | 08:41

މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން މާލޭ ސަރަހައްދުގެ މަގުތަކުގައި އިންދާފައި ހުރި ބައެއް ގަސްގަސް ވެރިއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަދަ ވަޔާއެކު އެމްޕްލޯއިމަންޓް ޓްރައިބިއުނަލް ކައިރީގައި ހުރި ގަހެއް ވަނީ ވެއްޓިފައެވެ. އަދި ސޯސަން މަގާއި އަމީނީ މަގުގައި އިންދާފައި ހުރި ބައެއް ގަސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ލޮނުޒިޔާރަތްކޮޅުން ވެސް ގަހެއް ވެއްޓިފައި ވެއެވެ. ރާޅުގަނޑު ސަރަހައްދުގެ ބައެއް ގަސްގަހަށްވެސް ގެއްލުންވެ ބައެއް އޮފިތައް ވެރިފައިވެއެވެ.

ގްރޭޓަރ މާލެ ސަރަހައްދަުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަގުމަތީގައި އިންދާފައި ހުރި ގިނަ ގަސްތައް ވެރުމާ ގުޅިގެން އެމްއެންޑީއެފް އޮފިސަރުން އަދި ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންނެެވެ. މިއީ މި ފަހުން ވައި ގަދަވެގެން މާލެ އަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ނިމުތު ކުރަނީ ކުރިއަށް 48 ގަޑިއިރުވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖެ ސަރަހައްދުގައި އޮތް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަކަށް މެޓުން ނިމުތެއް ނުކުރެއެވެ. ކޮޅިގަނޑާއެކު އުފެދޭ ވިއްސާރަ ވިލާތަށް ހުޅަނގަށް ޖެހެމުން އަންނަ ކަމަށްވެސް މެޓުން ބުނެއެވެ.

މި ވިއްސާރައިގާ އުތުރަށްވުރެ ބޮޑަށް ވިއްސާރަ ގަދަ ކުރާނެ ކަމަށް ބެލެވެނީ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ކަމުގައި މެޓުން ބުނެއެވެ. ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނާއި މެދުތެރެއަށެވެ. ނަމަވެސް އުދައެރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކުރިމަތިވެދާނެ ކަމަށް ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް