މި އަހަރުގެ ތެރޭގައި އެމްޕީއެލް ސަރަހައްދުގައި ހިނގާ ދިޔަ އެކްސިޑެންތަކުގެ ސަބަބުން މީހުން މަރުވި ދެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް، އެމްޕީއެލުން ވެސް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދް އަލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އިއްޔެ އެމްޕީއެލުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ ތަހުގީގުގައި ބޮޑަށް ބަލާނީ މިކަމުގައި އެއްވެސް ޖިނާއީ ކުށެއް އޮތްތޯ އާއި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ކަމަށެވެ. ނަމަވެސް އެމްޕީއެލް އިން އެތެރޭގެ ތަހުގީގެއް ހިންގަނީ އެފަދަ މައްސަލަތައް ދިމާވުން މަދުކުރުމަށް އެޅޭނެ ފިޔަވަޅެއް އޮތްތޯ ބެލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޕީއެލް އިން ކުރާ ތަހުގީގުގައި ބޮޑަށް ބަލާނީ މިކަން ދިމާވަން މެދުވެރިވި ސަބަބާއި، އެކްސިދެންޓުތައް ހިނގައި ދިޔުމުގައި އިހުމާލުވަނީ ކޮން ކަންތައްތަކެއްގަ ކޮން ފަރާތްތަކެއްތޯއާއި، އަދި މީހަކު އިހުމާލު ވެފައި ވާނަމަ އެސަބަބެއް ބެލުމާއި، އެމްޕީއެލްގެ ޕްރޮސެސް ތެރޭގައި މައްސަލައެއް އުޅޭތޯއާއި، މިފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށް ކުރެވެން ހުރި ކަންތައް ބަލައި އިތުރަށް ނަގަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނެގުން ކަމުގައެވެ.
"މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށް މިހާރުވެސް ގިނަ ތަމްރީނުތަކެއް މުވައްޒަފުންނަށް ދީފައިވާ ކަން ފާހަގަ ކުރަމުން އޭނާ އިރުތަށް ވިދާޅުވެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މެނުވީ މިހާރު އެސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭނެ،"
މީގެ އިތުރުން، ޝާހިދް ވިދާޅުވެފައި ވަނީ އެބޭފުޅުން މި މައްސަލަ ތަހުގީގު ކުރުމުގެ ބޭނުމަކީ މައްސަލަ ހިނގަން މެދުވެރިވި ސަބަބު ބަލައި، އެ ކަންތައް ރަނގަޅު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ހޯދައި އެކަން ކުރުން ކަމުގައެވެ.
އޯގަނައިޒޭޝަން ސޭފްޓީ އެކްޓެއް އޮތުމަކީ ރާއްޖޭގައި މިހާރު ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަމުން އެބޭފުޅާ ވިދާޅުވެފައި ވަނީ، އެހެން ކަމުގައި ވާނަމަ މިފަދަ މައްސަލަތައް ބަލަން މި އެކްޓު ގެ ދަށުން ބަޔަކު ތިބެ، މިފަދަ މައްސަލަތައް އެންމެ އެދެވިގެންދާ ގޮތުގައި ބެލެވި، މުސްތަގުބަލުގައި މިފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރަނގަޅު ލަފާއެއް ލިބިގެންދާނެ ކަމުގައެވެ.
ޝާހިދު ވިދާޅުވީ، ބަނދަރު ސަރަހައްދުގެ ސަލާމަތަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެމްޕީއެލުން ކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ޕޯޓުގެ ރިސްކް އެސެސްމެންޓް ހެދުމާއި، ޕޯޓުގެ ތެރޭގައި މަސައްކަތް ކުރާ އެންމެންނަކީ ތަމްރީން ލިބިގެން ޕޯޓު ތެރެއަށް ވަދެވޭ ބަޔަކަށް ހެދުމަށް ނިންމި ނިންމުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން، ތަމްރީން ކުރުން ލަސްވެގެން ދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ، މިހާރު ފާސް ދޫކުރެވިފައިވާ އެންމެން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ތަމްރީނު ކުރުން ކަމަށާއި، މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު ނޫނީ، އަލަށް އެއްވެސް މީހަކަށް ޕޯޓަށް ނުވަދެވޭނެ ކަމަށެވެ.
އެމްޕީއެލްގައި މިއަހަރު ހިނގި ނުރައްކާތެރި ދެ ހާދިސާގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ހާދިސާގައި މަރުވި އަބްދުﷲ އާސިމްއަކީ އެމްޕީއެލް ސަރަހައްދުން މުދާ ނެރުމުގެ މަސައްކަތުގައި އުޅޭ މަޖޫރީ އެކެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އާސިމްގެ ގައި މައްޗަށް ވެއްޓިފައިވަނީ ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓެކެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެ އެވެ.
އާސިމް މަރުވިތާ މަސް ދުވަސް ނުވަނީސް، އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، ދަށުވެ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް