މީކާއިލް ވިދާޅުވަނީ އެމްޑީޕީގައި ވަގު ލޭބަލް އެޅެން ބޭނުން ނުވާ ކަމަށް

ވެރިކަން ކުރާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި ވައްކަމުގެ ލޭބަލް އެޅެން އުޅޭތީ ބިރުގަންނަ ކަމަށާއި އެމްޑީޕީގައި ވައްކަމުގެ ލޭބަލް އެޅެން...

29 Mar 2021 | 06:22

ވެރިކަން ކުރާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި ވައްކަމުގެ ލޭބަލް އެޅެން އުޅޭތީ ބިރުގަންނަ ކަމަށާއި އެމްޑީޕީގައި ވައްކަމުގެ ލޭބަލް އެޅެން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތަށް ތައްޔާރުވުމަށް ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އެކުލެވޭ ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމި މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އެ ޕާޓީއަކަށްޓަކައި ފަހުރުވެރިވަމުން އައި ޕާޓީގެ އަސާސުތައް ނެތެމުންދާ ކަމަށް ހީވާ ހީވުމަކީ ބިރުގަންނަ ކަމެއް ކަމަށެވެ.

"މިއަދު މި ވާހަކަ ދައްކާ އިރު ހަގީގަތުގައި ވެސް ކުޑަކޮށް އެބަ ބިރުގަނޭ. ބިރުގަންނަނީ އަޅުގަނޑުގެ ޕާޓީ ސަރުކާރުގައި އޮވެ، މި ޕާލަމެންޓުގެ ސުޕަ މެޖޯރިޓީގައި އޮވެމެ، މުޅި ގައުމުގެ އެކި ގުނަންތަކުގެ މެޖޯރިޓީ ނަގައިގެން އޮވެމެ، ވައްކަމުގެ ލޭބަލް އެޅެމުން ދާތީ އަޅުގަނޑު ހަމަ އެބަ ބިރުގަނޭ،" ބަހުސްގައި މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ތުހުމަތު ކުރެވެމުން ދިޔަ އިރު، ވަގުތު އެމްޑީޕީގެ ޕާލަމެންޓްރީ ގްޜޫޕުން އިސްނަގައިގެން މަސައްކަތްތަކެއް ފެށި ކަމަށެވެ. އެކަމަކު، ސަރުކާރެއްގެ ސިފައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް މިނެއްގައި އަޅާފައި ނުދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީ ވަގު ލޭބަލް އިން ސަލާމަތްކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޕާލަމެންޓްރީ ގްރޫޕުގެ މީޓިންގްތައް ލައިވް ކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމްޑީޕީ ވަގު ލޭބަލްއިން ސަލާމަތްކުރަން ބޭނުންވާ ނަމަ ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ލައިވްކުރުން. މިއަދު އަޅުގަނޑު އެކަން ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް ހުށަހަޅާނަން. މިކަންކަން އެބަ ކުރަން ޖެހޭ. ފަސްދޮޅަސް ފަސް ގޮނޑި އަޅުގަނޑުމެންނަށް ދިނީ ޒިންމާތަކަކާ އެކު. ބާރުތަކެއް އެކަންޏެއް ނޫން، އެއާއެކު ޒިންމާތަކެއް ވެސް ލިބުނު،" މީކާއިލް ވިދާޅުވިއެވެ.

ޯވިޑް-19ގެ ވޮސްޓް ކޭސް ސިނޭރިއޯއަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބެލެވޭ މައްސަލަ ޝަރީއަތަށް ހުށަނޭޅި ދިގުލައިގެން ދާ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، ވެންޓިލޭޓަރު މައްސަލައިގައި ބައިވެރިވާ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ހައްގު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

އޭސީސީން އެންމެ ފަހުން ބުނެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރީ ދައުވާ ކުރެވޭނެ ފެންވަރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް