އައްޑޫ ސިޓީ ފޭދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ނިންމާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރައްވައިފިއެވެ. މި ނިޒާމް ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމެވެ.
އައްޑޫ ސިޓީ ފޭދޫ ފެން ހިންދާ ނިޒާމު ފީސިބިލިޓީ ސްޓަޑީ އާއި އީއައިއޭ ހެދުމާއި ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވޯޓަރ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.
މިގޮތުން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 2018 ގައެވެ. އަދި އަމަލީ މަސައްކަތް ނިންމާފައިވަނީ ޑިސެމްބަރ 2020 ގައެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 23،280،591.50 (ތޭވީސް މިލިއަން ދުއިސައްތަ އަށްޑިހަ ހާސް ފަސްސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ލާރި) ރުފިޔާއެވެ.
ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ ފޭދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 10 ޕަންޕް ސްޓޭޝަން އާއި އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް