ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް

ކޯވިޑް-19ގެ ވޮސްޓް ކޭސް ސިނޭރިއޯއަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބެލެވޭ މައްސަލަ ޝަރީއަތަށް ހުށަނޭޅި ދިގުލައިގެން...

29 Mar 2021 | 05:15

ކޯވިޑް-19ގެ ވޮސްޓް ކޭސް ސިނޭރިއޯއަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބެލެވޭ މައްސަލަ ޝަރީއަތަށް ހުށަނޭޅި ދިގުލައިގެން ދާ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލަ މަޖިލިހުގެ ތަޅުމަށް ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 32 އިއްޒަތްތެރި މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލައިގައި ޕީޖީ ހުސެއިން ޝަމީމް ނިންމެވީ ދައުވާ ނުކުރެއްވުމަށެވެ. މިއީ އެ މައްސަލައިގައި ދައުވާ ނުކުރައްވަން ޝަމީމް ނިންމެވި ދެ ވަނަ ފަހަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، ވެންޓިލޭޓަރު މައްސަލައިގައި ބައިވެރިވާ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ހައްގު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

އޭސީސީން އެންމެ ފަހުން ބުނެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރީ ދައުވާ ކުރެވޭނެ ފެންވަރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް