މިސްރުގެ ސުއޭޒް ކެނަލްގައި ބީހި، ތާށިވެފައި އޮތް ކާގޯ ބޯޓު "އެވާ ގިވެން" ފުންކޮށްފިއެވެ.
މި ބޯޓު ފުންކޮށްފައި ވަނީ މިއަދުއެވެ. މި މަސައްކަތުގައި ގިނަ އަދަދެއްގެ ޓަގް ބޯޓުތަކާއި ކޮންނަ ބޯޓު ބޭނުންކޮށްގެނެއެވެ.
"އެވާ ގިވެން" ފުން ކުރެވިފައިވާކަން އެ ބޯޓު މެނޭޖް ކުރާ، ކޭޕް ޝިޕިން ކުންފުނިން ކަށަވަރު ކޮށްދީފައިވެއެވެ.
މި ބޯޓު ބީހިފައި ވަނީ ހިލަގަނޑެއްގެ މަތީގައި ކަމަށާޢި އެހެންކަމުން ބޯޓު އޮތް ސަރަހައްދުން ވެލި ނަގަމުން ދިޔަ ނަމަވެސް ބޯޓު ފުން ކުރަން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވާ ކަމަށް އިއްޔެ ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވެއެވެ.
ސުއޭޒް ކެނަލްގައި ބޯޓު ބީހިފައި އޮތުމުގެ ސަަބަބުން ސުއޭޒް ކެނަލް ހުރަސް ނުކުރެވި 300 ބޯޓު އޮތް ކަމަށް ވެއެވެ. އަދި ކޮންމެ ދުވަހަކު މިއަދަދަށް އިތުރު 50 ވަރަކަށް ބޯޓު އިތުރުވަމުންދާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކާގޯ ބޯޓު ކަމަށްވާ އެވާ ގިވެން ސުއޭޒް ކެނަލްގައި ބީހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
އެ ބޯޓު ބީހުނީ ވައި ގަދަވެ ވެލީގެ ތޫފާނެއް ކުރިމަތިވުމުން ކަމަށް ބޯޓުގެ ކެޕްޓަން ބުނި ނަމަވެސް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ ބޯޓު ބީހެން ދިމާވީ ފަޅުވެރިންނަށް ހެދުނު ގޯހެއްގެ ސަބަބުން ނުވަތަ ބޯޓުގައި ބޭނުންކުރާ ނެވިކަމުގެ ސާމާނުތަކުން ރަނގަޅު ނޫން މައުލޫމާތެއް ދެވިފައިވުމުން ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް