ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކަނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ އަނެއްކާ ވެސް އަރާރުންވެއްޖެއެވެ.
މި އަރާރުން ފެއްޓުނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރޭ ރައީސް ނަޝީދު ފޮނުއްވި މެސެޖަކާ އެކު އެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒް ފޮރުވަން ކުރާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހަލާކު ވެދާނެ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވައި ފައްޔާޒު ކުރެއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ އޭނާ ފޮރުވަން ނުޖެހޭނެ ކަމަށާއި މިއީ ނޯތު ކޮރެއާ ނޫން ކަމަށެވެ. އަދި މިގައުމުގައި ހުދުމުހުތާރު އުސޫލުން ކަންކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، ނަޝީދަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ "އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކިވަރަކަށް" ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވުމަށް، ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތެދުވެވަޑައިގެން ހުންނެވީ އެމްޑީޕީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކަމަށާއި ފައްޔާޒުއާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ލަދުގަންނަ ކަމަށެވެ.
ދެ ބޭފުޅުންގެ އަރާރުންވުމުގެ ތެރޭން، ދެން ފައްޔާޒް ވިދާޅުވީ މިއީ އޭނާގެ ވެސް ޤައުމުކަމަށެވެ. އަދި ޤައުމުގެ ކަންކަމާއި ބަސް ވިދާޅުވާނެ ކަމަށާއި، އޭނާ ހުއްޓުވޭނެ އެހެން ބޭފުޅެއް ނުހުންނާނެކަމަށެވެ. އެ ވާހަކައަށް ރައްދުދެއްވައި ރައީސް ނަޝީދު ގުރޫޕްގައި ލިޔުއްވާފައި ވަނީ ޤައުމަކީ ކާކު ޤައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާކަމަށެވެ.
އެ ވާހަކަތަކާއި ގުޅިގެން ފައްޔާޒު ވަނީ އާންމުންނަށް އިވޭ ނުވަތަ ފެންނާނެހެން އެ ވާހަކަތައް ދެއްކެވުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުކުރައްވާ ރައީސް ނަޝީދު ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން ކުރުން ރަނގަޅު ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޕީއެސްއެމް ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާވެސް އެ ކަމަށް ހުންނެވީ ތައްޔާރަށް ކަމަަށެވެ.
ފައްޔާޒުވެސް ވިދާޅުވީ ރައްޔިތުން ކުރިމަތީ އެ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތަށް އަމަލު ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް