ވޯލްޑްކަޕް ކޮލިފައިން: ރޯމޭނިއާ އަތުން ޖަރުމަން އަށް އުނދަގޫ މޮޅެއް

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ކުޅުނު ގްރޫޕް ޖޭގައި ހިމެނޭ ރޯމޭނިއާ އަތުން ޖަރުމަން މޮޅުވެއްޖެއެވެ. ރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވީ ރޯމޭނިއާ އަތުން 0-1 ގެ...

29 Mar 2021 | 04:12

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ކުޅުނު ގްރޫޕް ޖޭގައި ހިމެނޭ ރޯމޭނިއާ އަތުން ޖަރުމަން މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވީ ރޯމޭނިއާ އަތުން 0-1 ގެ ނަތީޖާއަކުންނެވެ.

ރޯމޭނިއާގައި ކުޅުނު މި މެޗުގައި ޖަރުމަނުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެޓީމުން ލަނޑުޖަހާ ލީޑު ނަގާފައިވަނި މެޗުގެ 17 ވަނަ މިނެޓުގައެވެ. ޖަރުމަނަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ކައި ހަވާޓްޒް ދިން ޕާހަކުން ބަޔާންގެ ފޯވާޑް ސާޖް ގްނަބްރީއެވެ. މި ލަނޑަށް ފަހުވެސް ޖަރުމަނަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ޖަރުމަނުން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވީ މެޗުގައި މޮޅުކުޅުމެއް ދެއްކި ރޯމޭނިއާގެ ގޯލް ކީޕަރު ފްލޮރިން ނިޓާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ލަނޑުޖަހާ ލީޑު ނެގިނަމަވެސް މެޗުގެ ފަހުހާފު ނިންމާލަން ޖެހުނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުން ޖަރުމަން މޮޅިވިއިރު، އެޓީމުން ވަނީ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވެފައެވެ. އެޓީމު ފުރަތަމަ ކުޅުނު މެޗުން އައިސްލެންޑް އަތުން މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ގްރޫޕް ޖޭގެ އެއްވަނައިގައި ދެމެޗުން ލިބުނު ހަ ޕޮއިންޓާއި އެކު އޮތީ ޖަރުމަންއެވެ. މި ގްރޫޕުގެ ދެވަނައިގައި ޖަރުމަނާއި އެއްވަރަކަށް ޕޮއިންޓު ލިބިގެން އޮތީ އާމީނިއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް