ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެނު އަޑީގައި

ދިވެހިރާއްޖޭގެ ދެކުނުގައި އޮންނަ ފުވައްމުލަކު ސިޓީއަށް ރޭން ފެށިގެން ބޯކޮށް ވާރޭވެހި އެރަށުގެ ގިނަ ގެތަކެއްގައި ފެންބޮޑު ވެފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައު...

29 Mar 2021 | 04:02

ދިވެހިރާއްޖޭގެ ދެކުނުގައި އޮންނަ ފުވައްމުލަކު ސިޓީއަށް ރޭން ފެށިގެން ބޯކޮށް ވާރޭވެހި އެރަށުގެ ގިނަ ގެތަކެއްގައި ފެންބޮޑު ވެފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ރޭ 10:30 ހާއިރުން ފެށިގެން ހުއްޓާނުލައި އެ އެރަށް ވަރަށް ބޯކޮށް ވާރޭ ވެހި، ރަށުގެ ބޮޑުބައެއްގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.

ބައެއް ގެތަކަށް ފެން ވަދެ ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ގެންލުން ލިބިފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވެއެވެ.

ފަލާހު ވިދާޅުވީ އެމް.އެން.ޑީ.އެފްއާއި ފުލުހުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ގުޅިގެން ރެއިން ފެށިގެން ރައްޔިތުންގެ ގެދޮރާއި މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އޮރެންޖް ސަމާލު ނެރެފައިވާއިރު ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ.

އެގޮތުން ދެކުނުގެ ދެ ސިޓީއަށް އިންޒާރު ނެރުނީ ރޭގެ މެންދަމު 03:30 އިން ހެނދުނު 06:00 އަށެވެ. މި އިންޒާރުގެ ވަގުތު މިހާރު ވަނީ ހެނދުނު 06:00 އިން ހެނދުނު 08:00 އަށް އިތުރުކޮށްފައެވެ.

މި އިންޒާރުގައި ނިމުތުކޮށްފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށާއި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑު ގަދަވުން އެކަށީގެންވާކަމަށެވެ.

ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު ނިމުތުކޮށްފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.

މިއަދު 08:00ން ފެށިގެން ދިވެހިރާއްޖޭގެ ވެރި ރަށް މާލޭ ސިޓީއަށް ވެސް ވަރަށް ވައިގަދަވެ ވާރޭ ވެހެމުން އެބަ ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް