އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ބަލްގޭރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ މޮޅުވެއްޖެއެވެ.
ގްރޫޕް ސީގައި ހިމެނޭ އިޓަލީ މޮޅުވީ ބަލްގޭރިއާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ބަލްގޭރިއާގެ އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އިޓަލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ބެލޮއްޓީއެވެ. މިއީ އޭރިއާ ތެރެއިން ބެލޮއްޓީއަށް ބަލްގޭރިއާގެ ޑަނިއެލް ޑިމޯވް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އިޓަލީން ނިންމާލިއިރު، އެތީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެއްލީއެވެ.
މި މެޗުން އިޓަލީ މޮޅިވިއިރު، މިއީ އެޓީމުން ހޯދި ދެވަނަ މޮޅެވެ. ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ މޮޅުވީ ނޯދަން އަޔަލެންޑާ ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ. އެހެންކަމުން ގްރޫޕް ސީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ އިޓަލީއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޓްޒަލެންޑުވެސް ވަނީ ކުޅުނު ދެމެޗުން ވެސް މޮޅުވެދެ ހަ ޕޮއިންޓް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް