ރަމަޟާންމަހަކީ ހިޖުރީ ކަލަންޑަރުގެ 9 ވަނަ މަހެވެ. ރަމަޟާންމަސް އޮންނަނީ ޝައުބާންމަހަށް ފަހުއެވެ. ރަމަޟާންމަހަކީ ﷲ ޙުރުމަތްތެރި ކުރެއްވި މައްސަރުތަކުގެ ތެރޭގައި ހިމެނޭ މައްސަރެއް ނޫނެވެ. ނަމަވެސް އެއީ މާތްވެ މަތިވެރިވެގެންވާ މަހެކެވެ. އެމަހަކީ ޤުރްއާނުގެ މައްސަރެވެ. އެ މަހަކީ ރޯދަ ފަރުޟު ކުރެވިގެންވާ މަހެވެ. އެ މަހަކީ އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ލިބެނިވި ރެއެއް އެ މަހުގައި ހިމެނޭ މައްސަރެވެ. އެއީ ރަޙްމަތުގެ މައްސަރެއެވެ. މިފަދަ އެތައް ސަބަބަކަައްޓަކައި ރަމަޟާންމަސް ޚާއްޞަވެ މަތިވެރި ވެގެންވެއެވެ.
އެ މަހުގެ ނަން ކީރިިތި ޤުރްއާނުގައި ޒިކުރުކުރައްވައި ﷲ ވަޙީކުރައްވަނީ ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ (سورة البقرة: 185) މާނައީ:- "رمضانމަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
ރަމަޟާންމަހަށް މަރުހަބާ ކިޔުމަށްޓަަކައި މިއުންމަތުގެ ސަލަފުލް 6 މަސް ކުރިން ތައްޔާރު ވާކަމުގައި ރިވާޔަތް ތަކުން އެނގެއެވެ. މިއަދު އަޅުގަަނޑުމެން ވެސް ރަމަޟާން މަހަށް ތައްޔަރު ވަމުއެވެ. އެހެނަސް އެ ދުވަހު އެބޭކަލުން ތައްޔާރުވި ގޮތާ މިއަދު އަޅުގަނޑުމެން ތައްޔާރު ވާގޮތާ ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެބޭކަލުން ތައްޔާރުވީ އަޅުކަމަށެވެ. އަޅުގަނޑުމެންނަށް އެންމެ ބޮޑު އަހައްމިއްޔަތެއް ދެވެނީ އެކަމަށްބާއެވެ؟
ރަމަޞާންމަސް އައުމުގެ ކުރިން މީސްތަކުންނަށް އެ ޚަބަރު ދިނުމަކީ ވެސް ދަރަޖަ މަތިވެރިވެ ސަވާބުލިބޭ ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން ސޯޝަލްމީޑިއާގައި ރަމަޟާންމަސް ކައިރި ވަމުން އަންނަ ކަމުގެ ޕޯސްޓުތައް ޝެއަރ ކުރަން ފަށައެވެ. އަމިއްލަ ނަފްސަށް ހަނދާންކޮށްނުދެވުނަސް އަނެކާއަށް ހަނދާންކޮށްދެވޭތޯ އުޅުމަކީ ވަރަށް ގިނަފަހަރު ވާގޮތެކެވެ. އެހެނަސް އެއީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެއީ ބުއްދިވެރިންގެ ގޮތެއްވެސް ނުމެނޫންމެއެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތްﷲ ވަޙީ ކުރައްވަނީ ﴿أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ، أَفَلَا تَعْقِلُونَ﴾ (سورة البقرة: 44) މާނައީ:- "ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حالގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟"
ރަމަޞާންމަހަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުއްސުރެ ދިވެހިން އާދަކާދައިގެ ތެރެއިން ކުރަމުން އައި ބައެއްކަންކަން ހުރެއެވެ. އެގޮތުން ގޭތެރެ ދޮވުމާއި، ބަދިގެ ތަރައްޤީކުރުމާއި، ތެލިތަށި ދޮވެ ޒީނަތްތެރި ކުރުމާއި، ގެ އަށް ދޮންވެލި ލުންފަދަ ކަނަކަން ހިމެނެއެވެ. މީގެ އިތުރަށް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެތައް ކަމެއް އެކި ގޮތްގޮތަށް ކުރަމުން އާދެއެވެ. މިކަންކަމުން ކިޔައިދެނީ އިސްލާމްދީނަށާއި އެ ދީނުގެ ޝިޢާރުތަކަށް ދިވެހިންގެ ހިތުގައި ދެވިފައިވާ ޤަދަރާއި ލޯތްބެވެ. އެ މީހުންނާ ބައްދަލު ކުރާ މެހެމާނަށް (އެބަހީ ރަމަޟާންމަހަށް) ސާފުކޮށް ތާހިރުކޮށް ޒީނަތްކޮށްފައިވާ މާޙައުލެއް އުފައްދަނީއެވެ. އެކަމުގައި ވަރަށް ގިނި ހެވާއި ލާބަ ވެސް ހުންނާނެއެވެ. ޒަމާން ފަސްވެ މިހާރު މިވަނީ އޭރުގެ މީހުން އެ ކަންކަން ކުރި މަޤްޞަދު ދޫކޮށް މުޅިން އެހެން މަޤްޞަދެއްގައި މި ކަންކަން ކުރެވެން ފަށާފައެވެ.
ރަމަޟާންމަހަށް ތައްޔާރު ވުމުގެ ގޮތުން މުޅި ގެ އަށް ބަދަލު ތަކެއް ގެނެވޭތޯ ކޮންމެ މީހަކު ވެސް ބަލައެވެ. ބަދިގެ ކަބަޑުސެޓު އާކުރެއެވެ. ގޭގައި ކުލަ ލައެެވެ. ތެލި ތަށިފަދަ ހިފާ ގެންގުޅޭ ސާމާނު މުޅިން އާކުރެއެވެ. އެ ޒަމާނާއި މި ޒަމާނުގެ އެއްގޮތް ކަންތައްތަކެއްގެ ގޮތުގައި ފެންނަނީ ކެއުމަށް ބޭނުންވާ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަވޭތޯ ބަލާބެލުމެވެ. ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް މިކަމާ ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފަައި ހުރެއެވެ. އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވަނީ،، ރަމަޟާންމަހުގެ މަދު ވަގުތުކޮޅު، ކެއުންބުއިމާ ދުރުވެ، އަޅުކަމާ ކައިރިވުމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢަމަލުތަކުން އެކަންކަން ފެންނަނީ ވަރަށް ކުޑަކޮށެވެ.
އަނެއްކާ ވެސް ކުރިމަތީ މިއޮތީ ރަމަޟާންމަހެކެވެ. އެމަހާ ބައްދަލުވެވޭނެ ކަމުގެ އުއްމީދުގައި ތިބޭއިރު، އެމަހާ ބައްދަލަވުމުގެ ކުރިއަށް އަޅުކަންތައް ރާވާ ތާވަލުކުރުން މުހިއްމެވެ. މިދިޔަ ރަމަޟާންމަހުގެ ތަޖުރިބާއަށް ބަލައި އަޅުކަމުގައި މުރާލި ވެވޭނެ ފަދަ ގޮތަކަށް ތާވަލު އަތުރާލަންވީއެވެ. އެހެންނޫންނަމަ އެ މައްސަރާ ބައްދަލުވެ އެ މައްސަރުގެ ނަސީބުން މަޙުރޫމުވާ ބަޔަކު ކަމުގައި ވެދާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި އެފަދަ ބަޔަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމު ވެފައިވާ ބައެކެވެ. އެފަދަ މީހުންގެ ތެރެއިން ނުވުމަށްޓަކައި މިއަދު އެކަމަށް ވިސްނައި، ދުރައިލާ ރަމަޟާންމަހަށް ތައްޔާރުވާށެވެ!
މަޝްދަރު: އިސްލާމްދީ.ންކޮމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް