ނިޔާވި ހިންނަވަރު މީހާ ކޮވިޑަށް ޕޮޒިޓިވް

އިއްޔެގެ ވަގުތެއްގައި ޅ. ނައިފަރުގައި ނިޔާވި އުމުރުން ދުވަސްވި މީހާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމުގައި އެ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ޅ. ހިންނަވަރުން އެ ހޮސ...

28 Mar 2021 | 23:59

އިއްޔެގެ ވަގުތެއްގައި ޅ. ނައިފަރުގައި ނިޔާވި އުމުރުން ދުވަސްވި މީހާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމުގައި އެ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ ޅ. ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައިވާ މައްޔިތާގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އުމުރުން 63 އަހަރުގެ އެމީހާ އަކީ ހިންނަވަރު މީހެކެވެ. އަދި އޭނާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހިންނަވަރަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑު ފެތުރިފައިވާ ކަމަށް ބެލެވޭ އެއް ރަށެވެ. އެއީ ހިންނަވަރުގައި ކަރަންޓީންގައި ނެތް މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެމީހާ އަށް ބަލި ޖެހުމާ ގުޅިގެން ރަށް މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.

އެޗްޕީއޭން ހާމަކުރާ ގޮތުގައި ހިންނަވަރަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިންނަވަރުން ކޮވިޑަށް ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)ން ހާމަކުރެއެވެ.

ހިންނަވަރަށް އަރާއި ފޭބުން މަނާކުރިއިރު މިވަގުތު އެއަތޮޅު ނައިފަރާއި ފެލިވަރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައި ވަނީ ބައެއް ރަށްރަށުގައެވެ. އެގޮތުން މިވަގުތު 10 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް