މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު މި އިންތިޚާބުގައި ކުރިހޯދާނީ ކޮން ޕާޓީއެއްގެ ކޮން ކެނޑިޑޭޓުންނެއްތޯ މިއީ މިއަދު އަޅުގަނޑުމެން އެންމެންނަށް ވެސް ކުތިމަތިވެފައިވާ ބޮޑު ސުވާލެވެ.
ސިޔާސީ ޕާޓީތަކުގެ ރޫހުގައި ފޫގަޅާފައި ތިބި ދިވެހިންގެ ތެރެއިން އެއްބަޔަކު އެބަޔަކަށް ދާއީދު ކުރާ ކެނޑިޑޭޓުންނަށް ވޯޓު ހޯދުމަށް ނުނިދާ ހޭލާތިބެ ކެމްޕޭން ކުރަމުންގެންދާއިރު އަނެއްބަޔަކު ތިބީ ގޭތެރޭގައި ވޯޓުލާނެ ކެންޑިޑޭޓުންނާއި މެދު ވިސްނާށެވެ.
ކޮންމެ ގޮތެއްވިއަސް ދަންނަން ޖެހޭ ހަގީގަތަކީ ވޯޓަކީ ތިމާގެ ހައްޤެއް ކަމެވެ. އެހެން ވީއިރު އެހައްޤު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް ލިބެން ޖެހެއެވެ. މިއީ އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަންޖެހޭ ބޮޑު ހަޤީގަތެކެވެ. އަދި ހަމައެހެންމެ މިއީ ކޮންމެ ރައްޔިތަކަށްވެސް ޤާނުނު އަސާސީން ލިބެދޭ ހައްޤެކެވެ.
ރައްޔިތުން އެދޭފަދަ ރައްޔިތުންނަށް ލާބައާއި މަންފާ ހުރި އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހުރިހާ ކެންޑިޑޭޓުން ވެސް ދެމުންގެންދާއިރު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ވޯޓު ކަރުދާސްކޮޅުގައި ލެވޭ ހެޔޮ ފާހަގައިން އަންނަން އޮތް ޖީލަށްވެސް އޭގެ މުހިއްމުކަން އިންތިހާއަށް ބޮޑުވެއެވެ.
އިޤްތިޞާދީ ގޮތުންނާއި، އުފެއްދުންތެރިކަމުގެ ގޮތުންނާއި، ޤައުމުގެ ސިނާއަތްތައް ކޮޅަށް ޖެހުމުގައި ހެޔޮ ބަދަލެއް ގެންނަން ނޭނގިއްޖެނަމަ އޭގެ އަސަރު އެންމެ ތުއްތު ކުއްޖާއަށްވެސް ކުރާނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެންކަމުން މި ފުރިހަމަ ޒިންމާ އަދާކުރުމަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ކުރިމަތިލުމަކީ މުހިއްމު ކަމެކެވެ.
ތިމާގެ ފިކުރު ހުންނަގޮތަކުން ވަކި މީހެއްގެ މައްޗަށް ނުފޫޒު ފޯރުވައި ވޯޓު ހޯދަން މަޖުބޫރު ކުރުވުމަކީ އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެއީ އަނެކާގެ ހައްގަށް އަރައިގަތުމެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޭނުންވާ ބަޔަކަށް ވީ ހިނދު އެހީތެރިކަމުގެ ބަދަލެއްގެ ގޮތުގައި “ވޯޓު” ހިމެނިގެން ދިއުމަކީ އަނެކާއަށް ލިބިފައިވާ އަމިއްލަ މިނިވަންކަމަށް އަރައިގަތުންކަމުގައި ނޫނީ ނުވާނެއެވެ.
ސިޔާސީ ފިކުރުތަކުން ހަލަބޮލިވެފައިވާ މި މުޖުތަމައުގައި ރައްޔިތުން ހަނާވަމުންދާއިރު ވޯޓަކީ ސިޔާސީގޮތުން ތިމާގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެނެވެ. އެހެންކަމުން ނުފޫޒުން އެއްކިބާވެ މި ހަތިޔާރުގެ ބޭނުން ވިސްނުންތެރި ކަމާއި އެކު ފުރިހަމަ ގޮތުގައި ހިފުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް